ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލްގެ ތެރެއިން ނޫސްވެރިން ބޭނުންވާ މައުލޫމާތު ލިބޭނެ ގޮތް ހަދައިދީ، ޕީޖީ އޮފީސް ކޮރެސްޕޮންޑެންޓްސް އުފައްދައިފި އެވެ.
ޕީޖީ އޮފީހުގެ ރައްޔިތުންގެ ޕޯޓަލަކީ އާންމުންނާ މުއާމަލާތުކުރަން ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. މިއީ އީފާސް އެކައުންޓެއް އޮންނަ ކޮންމެ ދިވެހި ރައްޔިތަކަށް ބޭނުންކުރެވޭ ޕޯޓަލްއެކެވެ. މިހާރު ޕީޖީ އޮފީހުން ވަނީ މި ޕޯޓަލްގެ ތެރޭގައި ނޫސްވެރިންގެ ޓެބެއް ހިމަނައި، ޕޯޓަލްގެ ތެރެއިން ނޫސްވެރިންނަށް ޖަވާބު ލިބޭނެ މަގުފަހިކޮށްދީފަ އެވެ.
މި ޕޯޓަލްގައި ރަޖިސްޓްރީ ވާން ޖެހެނީ އެ ނޫސްވެރިއަކު ނިސްބަތްވާ ނޫސް އޭޖެންސީއެއްގެ ރަސްމީ އީމެއިލުން media@pgoffice.gov.mv އަށް، ނޫސްވެރިޔާ ޕޯޓަލުގައި ރަޖިސްޓަރީވާން އެދޭ ނޫސްވެރިންގެ އައިޑީ ކާޑު ނަންބަރާއި ފުރިހަމަ ނަން ފޮނުވާންޖެހޭނެ އެވެ.
ޕީޖީ އޮފީސް ކޮރެސްޕޮންޑެންޓްސް އުފެއްދުމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ނޫސްވެރިންނަށް ބޭނުންވާ ސުވާލު ފޮނުވުމުން، ޕީޖީ އޮފީހުން ޖަވާބެއް ލިޔާނެ އެވެ. މި ޖަވާބު ހިއްސާކުރާނީ ޕޯޓަލް މެދުވެރިކޮށް އެ ސުވާލު ކުރި ނޫސްވެރިޔާއަށް އެކަންޏެވެ.
ޝަމީމް ވިދާޅުވީ ޕީޖީ ކޮރެސްޕޮންޑެންޓްސްއާ އެކީ، ނޫސްވެރިންގެ ހަބަރުތަކުގެ "އެކްސްކްލޫސިވިޓީ" ކަށަވަރުވުމުގެ އިތުރަށް މިއީ ދެފުށްފެންނަ، ހަރުދަނާ، ދުނިޔޭގެ ފެންވަރުގެ ނިޒާމެއް ކަމަށެވެ. މީގެ ސަބަބުން މައުލޫމާތު ހޯދަން ފަސޭހަ ވުމާ އެކީ، ދެ ފަރާތުން ކުރާ މުއާމަލާތަކާ މެދު ސުވާލު އުފެދޭ ހާލަތުގައި ސައްހަ މައުލޫމާތު ވެސް ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.














