ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއައި) އަށް ރުޖޫއަވާނެ ކަމަށާއި އެ މަސައްކަތް މިހާރު އޮތީ އަލުން ފަށަން ޖެހިފައިކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުގައި ޝިޔާމް ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމަންޓަކީ އޭގެ ސަބަބުން ރާއްޖެއަށް، ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ބޮޑެތި ފައިދާތަކެއް ވާނެ އެއްބަސްވުމެއް ކަމަށެވެ.
ފްރީ ޓްރޭޑް އެގްރީމަންޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު އެކުލަވާލި އެގްރީމަންޓެކެވެ. އެފްޓީއައި އެކުލަވާލުމަށް މަސައްކަތް ކުރިއިރު، ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އޭރުގެ އަދި މިހާރު ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ޝިޔާމް ވިދާޅުވީ އެފްޓީއައި އާއެކު ވަރަށް ގިނަ މަހުގެ ޕްރޮޑަކްޓްތައް ޒީރޯ ޓެރިފްގައި އެކްސްޕޯޓް ކުރުމަށް ނިންމި ކަމަށެވެ. އެއީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އަދި ޕްރައިވެޓް ސެކްޓާއަށް ވެސް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މި އެގްރިމަންޓްގެ ވާހަކަ މި ދައްކަނީ ފަސް އަހަރު ފަހުން. ފަސް އަހަރު ފަހުން ބަލާއިރު އެ އެގްރިމަންޓްގެ މަސައްކަތް އޮތީ އަލުން ފަށަން ޖެހިފައި. އެ އެގްރިމަންޓަށް ރުޖޫއަ ވުމަކީ ވަރަށް ލައިކްލީ ކަމެއް ހަމަ. އެގްރިމަންޓް މިހާރު އިމްޕްލެމެންޓް ކުރާ ކަމަށް ވަނީ ނަމަ އަޅުގަނޑުމެން އެ އެގްރިމަންޓަށް އަލުން ރުޖޫއަވެގެން މަސައްކަތްތަކެއް ކުރަން ޖެހޭނީ

މީގެ އިތުރުން، އެފްޓީއައި އަށް އެހާ ބޮޑު އިސްކަމެއް ދީގެން އެމަސައްކަތް ކުރީ އެއިން ލިބޭ ނަފާ ހާމަވާން އޮތުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެގްރީމަންޓް އެކުލަވާލުމާ ހަމައަށް ދިޔައީ އެންމެ މަހަކުން ނުވަތަ އެންމެ އަހަރަކުން ކުރި މަސައްކަތަކުން ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެންނަމަވެސް، އެއްބަސްވުމަށް އާ ވާހަކަތައް އިތުރުވެ އެއްބަސްވުން ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރެއްވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުން އެކުލަވާލުމަށް ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވާލާފައި އޮތް އިކޮނޮމިކް ކައުންސިލްގެ ތެރޭގައިވެސް އެތައް ބަހުސްތަކެއް ކޮށްފައިވެ އެވެ. އެ އެއްބަސްވުމަށް އިކޮނޮމިކް އަދި ފިޝަރީޒް މިނިސްޓްރީއިން ކުރި މަސައްކަތް ފާހަގަކޮށް، އެއްބަސްވުމާ ހަމައަށް ދިޔުމަށް ދިވެހި ސަރުކާރުގެ އިސްވެރީން ބޭރުގެ ފަރާތްތަކާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޗައިނާ އަކީ މިފަދަ އެއްބަސްވުމެއް ރާއްޖެއިން ގާއިމް ކުރި ފުރަތަމަ ގައުމެވެ. އެއީ މަސައްކަތް ކުރަން ވަރަށް ފަސޭހަ ގައުމެއްގެ ގޮތުގައި ޝިޔާމް ސިފަ ކުރެއްވި އެވެ. ޗައިނާގެ ވިސްނުން ވެސް އެނގިލައްވާ ކަމަށާއި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ހުރިހާ ދިމާއަކުން ވެސް މަސައްކަތް ކޮށްދިނުމުގެ ރޫހު ޗައިނާގެ އޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޗައިނާއާ އެކު މި އެއްބަސްވުމުގައި އޭރުގެ ސަރުކާރުން ސޮއިކުރީ ޑިސެމްބަރު 18، 2014 ގަ އެވެ. އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދަން މަޖިލީހުން ފާސް ކުރީ ނޮވެމްބަރު 29، 2017 ގަ އެވެ. އޭރު މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގަ އެވެ.
އެއްބަސްވުމަށް ރާއްޖެ އިން ހުށަހެޅީ މައިގަނޑު ދެ ކަމެއް ކަމަށް މިނިސްޓަރު ސައީދު އޭރު ފާހަގަކުރެއްވި އެވެ. އެއީ ޗައިނާއަށް އެތެރެ ކުރާ ރާއްޖޭގެ މަހާއި ސީފުޑްގެ ބާވަތްތަކުން އެއްވެސް ޓެކުހެއް ނުނެގުމަށާއި މަހުގެ އުފެއްދުމެއް ނަމަ އޭގައި 30-40 އިންސައްތައަށް ރާއްޖޭގެ ވަސީލަތްތައް ބޭނުން ކޮށްފައިވާނަމަ، އޭގެ ތެރޭގައި ހިމެނޭ މަހާއި ސީފުޑްގެ ބާވަތްތަކުން ވެސް ޓެކްސް ނުނެގުމެވެ.
މި އެއްބަސްވުމަކީ ރާއްޖެ އަށް ފައިދާ ކުރާނެ އެއްބަސްވުމެއްގެ ގޮތުގައި ޕީއެންސީ/ޕީޕީއެމްގެ ބޭފުޅުން ސިފަ ކުރެއްވި ނަމަވެސް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުގައި އެ އެއްބަސްވުމުން މާ ބޮޑު ފައިދާ އެއް ނުކުރާނެ އެވެ. އަދި ކުރީގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖެއިން ބައެއް އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާތީ އެ އެއްބަސްވުން މިހާރު ނެތް ކަމަށް ވިދާޅުވެފަ އެވެ.













