ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިއަދު އޭނާ ވަކި ކުރަން ނިންމީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ނިންމުން ނިންމި ސުލޫކީ ކޮމިޓީގެ މައްސަލަ ބަލަންޖެހޭ ކަމަށް އެ ޕާޓީގެ ސެނެޓު މެމްބަރު މުހައްމަދު މަލީހު ޖަމާލު މިރޭ ވިދާޅުވެއްޖެ އެވެ.
މަލީހު ޕާޓީން ވަކި ކުރަން ނިންމީ ޕާޓީއަށް ނާންގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައިގަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ ބައްދަލުވުން ބޭއްވީ، އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން އުފެއްދި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއެއް އިއުލާނު ކުރުމަށެވެ.
ޕާޓީން ވަކި ކުރަން ނިންމުމުން މިރޭ މަލީހު ވިދާޅުވީ، އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީން ބެލީ ޕާޓީގެ ލެޓާހެޑުގެ ނާޖާއިދު ފައިދާ ހިފައި ލިޔެފައި އޮތް "ފޭކު" ސިޓީއަކަށް ބެލުމަށްފަހު ކަމަށެވެ. އެއީ އޭނާ ސަސްޕެންޑު ކުރިކަން އަންގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ފޮނުއްވި ސިޓީ އެވެ.
"ލީކުވެގެން އުޅޭ ސިޓީއަކީ ޕީޕީއެމްގެ ކުރީގެ އެސްޖީ [ސެކްރެޓަރީ ޖެނެރަލް މުހައްމަދު] ތޮލާލު މަގާމުން ވަކިވި ފަހުން ޕާޓީގެ ލެޓާރހެޑްގެ ނާޖާއިޒު ބޭނުން ހިފާ ސްޓޭމްޕު ނުކޮށް އާންމުކޮށްފައިވާ ފޭކު ސިޓީއެއް. އެސިޓީގެ މައްޗަށް ސުލޫކީ ކޮމިޓީ ބޭއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން،" މަލީހު ވިދާޅުވި އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވުމަށް ތޮލާލް ޕާޓީން އިސްތިއުފާ ދެއްވީ އަންގާރަ ދުވަހު ކަމަށް އޭނާ ވިދާޅުވެ އެވެ.

މަލީހު ވިދާޅުވީ އޭނާގެ މައްސަލަ ބެލުމަށް ސުލޫކީ ކޮމިޓީ ބާއްވާފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސުލޫކީ ކޮމިޓީން ވަނީ ޕާޓީގެ އަސާސީ ގަވާއިދު "މުގުރާލާފައި" ކަމަށެވެ.
"ޕާޓީގެ އިޖުރާތުކަކާއި ހިލާފަށް މިކަންކުރި ފަރާތް ތަކަށް ފިޔަވަޅު އަޅަންޖެހޭ. ސުލޫކީ ކޮމިޓީ ވަނީ ޕާޓީގެ އަސާސީ ގަވާއިދު މުގުރާލާފަ. އެ ކޮމިޓީގެ ބޭފުޅުން ޕާޓީގެ އޮފީހަށް ހާޒިރު ނުވޭ. ސިޓީ ސޮއެ ކުރި ދެ ނައިބުން އޮފީހަށް ހާޒިރު ނުވޭ. މިއީ ހިންގި ޖަރީމާއެއް. ބަލާ ފިޔަވަޅު އަޅަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މަލީހު ސަސްޕެންޑު ކުރިކަން އަންގައި އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ މަސައްކަތްކޮށްފައި ވަނީ ޕާޓީ ބަދުނާމު ކުރުމަށް ކަމަށެވެ.
"ޕާޓީގެ ލީޑަޝިޕު ނުވަތަ ޕާޓީގެ ސެނެޓުގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑުކުރައްވާ އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަނިކުފާނު ވަނީ ކުރައްވާފަ،" މަލީހު ސަސްޕެންޑުކޮށް ޕާޓީން އޭނާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އައްބާސް އާދިލް ރިޒާ ވިދާޅުވެފައި ވަނީ ސްޓިއަރިން ކޮމިޓި އެކުލަވާލީ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާ ދެއްވައި، ވަޒީފާ އަދާ ކުރަން އުޒުރުވެރިވާ ކަމަށް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އަންގާފައި އޮތުމުން ކަމަށެވެ. ނަމަވެސް ޕާޓީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އެހެންވީމާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު މިވަނީ ވަގުތީ ގޮތުން ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލައްވާފައި، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ، ޕާޓީގެ އަސާސީ ގަވައިދުން ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން،" އެ ރޭ އައްބާސް ވިދާޅުވި އެވެ.













