ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހަމްދީ އަގީލް އިއްޔެ އައްޔަން ކުރައްވައިފި އެވެ.
ހަމްދީ އަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއިން މާސްޓަ އޮފް ކޮމާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން އޭނާ އަދާކުރައްވާފައިވާ ބައެއް ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ހިމެނެ އެވެ. އޭގެ އިތުރުން، އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޖުމުލަ ހަތް މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭނެ އެވެ.
އެންމެ ފަހުން ޕީސީބީގެ ރައީސްއަކަށް ހުންނެވީ އާސިމް މުހައްމަދު އެވެ. އެ މަގާމު ހުސްވީ އާސިމުގެ މެމްބަރުކަމުގެ ދައުރު މި އަހަރުގެ ސެޕްޓެމްބަރު 16 ގައި ހަމަވުމާ ގުޅިގެންނެވެ.













