ޕީޕީއެމްގެ އިސް ލީޑަޝިޕުން މީގެ ކުރިން ނުފެންނަ ބޭފުޅުންކޮޅެއް އެޕާޓީގެ އޮފީހުގައި މިރޭ އާދަޔާ ހިލާފު ނޫސްވެރިންގެ ބައްދަލުވުމެއް ފަށްޓަވައިފި އެވެ.
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ ހުންނަވައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެށްޓެވީ ކޮން ހައިސިއްުޔަތަކުންތޯ "އަދަދު" އިން ސުވާލުކުރުމުން މަލީހު ސާފު ޖަވާބެއް ނުދެއްވަ އެވެ.
އޭގެ ފަހުން އެހެން ނޫސްވެރިއަކު ހަމަ އެ ސުވާލު ތަކުރާރުކުރުމުން އައްބާސް ވިދާޅުވީ މިރޭގެ ބައްދަލުވުން ބާއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ބޭފުޅަކީ ޔާމީން ކަމަށެވެ.
"އެެމަނިކުފާނަށް ލިބިވަޑައިގެންވާ އިހުތިޔާރެއް އެއީ ޑޭޓުޑޭ ރަންކުރުން [ދުވަހުން ދުވަހަށް ހިންގުން]. މިވަގުތު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހީނާ ވަނީ ސްޕޯކްސްޕާސަން ކަމުން އިސްތިއުފާދެއްވާފައި. އަދި ސެކްރެޓަރީ ޖެނެރަލް [މުހައްމަދު ތޮލާލް] މިވަނީ ޑޭޓުޑޭ ޕާޓީ ހިންގުމުން އުޒުރުވެރިވެވަޑައިގެންފައި،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ދުވަހުން ދުވަހަށް ޕާޓީ ހިންގުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސެކްރެޓަރީ ޖެނެރަލް އެންގެވީ ޔާމީނަށް ކަމަށެވެ.

"އެހެންވީމާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު މިވަނީ ވަގުތީ ގޮތުން ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލައްވާފައި، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ، ޕާޓީގެ އަސާސީ ގަވައިދުން ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެކޮމިޓީގެ މެމްބަރުންގެ ތެރެއިން ބައެެއް ބޭފުޅުންނެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި އެ ބައްދަލުވުން އޮންނަކަން އެޕާޓީން މީޑިއާއާ މުވާސަލާތުކުރާ ރަސްމީ ޗެނަލްތަކުން ނުވެސް އަންގަ އެވެ. ނޫސްވެރިންނަށް މައުލޫމާތުދޭން އެޕާޓީން ގާއިމްކޮށްފައިވާ ވަޓްސްއެޕް ގްރޫޕުގައި އެ ބައްދަލުވުމާ ބެހޭ މައުލޫމާތު ހިއްސާއެއް ވެސް ނުކުރެ އެވެ.
ހީނާ އިސްތިއުފާއެއް ނުދޭ، ތޮލާލް އުޒުރުވެރިއެއް ވެސް ނުވޭ
ޕީޕީއެެމްގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށާއި ސެކްރެޓަރީ ޖެނެރަލް މުހައްމަތު ތޮލާލު އުޒުރުވެރިވެވަޑައިގަންނަވާކަން އަންގާފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވި ނަމަވެސް ތޮލާލް އެކަން ދޮގު ކުރެއްވި އެވެ.
ތޮލާލް "އަދަދު" އަށް ވިދާޅުވީ ޕާޓީ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާތައް އުފުއްލަވަން އުޒުވެރިވެވަޑައިގަންނަވާ ކަން ރައީސް ޔާމީނަށް އަންގަވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު އުޒުރުވެރިއެއް ނުވަން. ޕާޓީގެ އެސްޖީކަން ނުކުރެވޭނެ ކަމަށް އަޅުގަނޑު ނުބުނަން. އެސްޖީގެ ހައިއްޔަތުން ކުރަން ވިދާޅުވި ކަމެއް ނޯންނާނެ ނުކޮށްފައެއް ވެސް. އެހެންވީމާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް އެ ދައްކަނީ،" ތޮލާސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ތަރުމާނުކަމުން ހީނާ ވަލީދު އިސްތިއުފާދެއްވި ކަމަށް އައްބާސް ވިދާޅުވި ނަމަވެސް އެއީ ވެސް ދޮގެއް ކަމަށް ތޮލާލް ވިދާޅުވި އެވެ. ޕީޕީއެމުން މީޑިއާއަށް މައުލޫމާތު ދޭ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިއަކު ސުވާލުކުމުން ހީނާ ވެސް ވިދާޅުވީ އިސްތިއުފާ ނުދެއްވާ ކަމަށެވެ.
ޕީޕީއެމްގައި އެންމެ އިސް ބޭފުޅުންގެ ގޮތުގައި މަސައްކަތް ކުރައްވަން (ގާނޫނީ ހުރަހެއް ނެތި) މިހާރު ތިއްބެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ތޮލާލް ވިދާޅުވި ގޮތުގައި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ އެ ދެބޭފުޅުންނަށް ވެސް ނާންގައި ބޭއްވި ބައްދަލުވުމެކެވެ.












