ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރް (ސީއީއޯ) އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މީގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލަށް ހާއްސަ ސީއީއޯއެއް ނުހުރެ އެވެ. އެ ހޮސްޕިޓަލުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލުގެ ހިދުމަތާ ގުޅުވައިގެން ކަމުން، މެނޭޖަމަންޓަކީ ވެސް އެ އައިޖީއެމްއެޗްގެ މެނޭޖްމަންޓެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯއަކަށް، ހަލީމް ހަމަޖެއްސީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ. ހަލީމަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި އެމްޕީއެލް އާއި އާއި އެމްޓީސީސީގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް ހާއްސަ ސީއީއޯއެއް ހަމަޖެއްސުމުގެ އިތުރުން ރައީސް މުއިއްޒު ވަނީ މާލޭ ސަރަހައްދުގައި ހުންނަ ހަތަރު ހޮސްޕިޓަލު ހިންގާ މާލޭ ހޮސްޕިޓަލްސް ގުރޫޕުގެ ކަންކަން ބަލަހައްޓަން އުފައްދާފައިވާ ބޯޑުގެ ނަން ބަދަލުކޮށްފަ އެވެ.
ކުރިން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" ގެ ނަން ބަދަލުކުރީ "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަނިން ބޯޑް" އަށެވެ. އަދި މި ބަދަލާ ގުޅުގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަނިން ބޯޑް އަލުން އެކުލަވައިލެއްވުމަށް ވެސް ރައީސް ވަނީ ނިިންމަވާފަ އެވެ.

މި ބޯޑުގެ ކަންކަން އިދާރީ ގޮތުން ހިންގަމުން ދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.












