ސަރުކާރުގެ އޮފީސްތަކާއި، މުއައްސަސާތަކުގައި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މިއަދު ރަސްމީކޮށް ނިންމަވައިފި އެވެ.
މިއީ އިއްޔެ ހަވީރު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި މުއިއްޒު ރަސްމީ ފުރަތަމަ ނިންމެވުމެވެ.
ހުވާކުރެއްވުމަށް ފަހު މުއިއްޒު ދެއްވި އިފްތިތާހީ ތަގުރީރުގައި އެމަނިކުފާނު ވަނީ އެގޮތަށް ނިންމަވާނެ ކަމަށް އިޝާރާތްކޮށްފަ އެވެ. އެގޮތުން ވިދާޅުވީ މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ ކަމަށެވެ.
"މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!،" އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު އޮންނަ އުސޫލުން ސަރުކާރު އޮފީސްތަކާއި، މުއައްސަސާތަކުގައި ހުންނަ ދިދަ ކޮންމެ ދުވަހެއްގެ އިރުއޮއްސުމުން ބާލަ އެވެ. އަލުން ނަގާނީ އަނެއް ދުވަހު އިރުއެރުމުންނެވެ.

މުއިއްޒު ވަނީ އިއްޔެގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ގައުމިއްޔަތު އާލާކުރައްވަން ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ 4000 އަހަރުވީ މިނިވަން ދިވެހިރާއްޖޭގެ ފަހުރުވެރި ދިވެހި ހަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ގައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުސަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭނެ ކަމަށެވެ.
"މިއަދު މި ފަށަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއުއެއް. މިއީ ދިވެހީންގެ ސިކުނޑިތައް ބިނާކުރުމާއި، ދިވެހީންގެ ކެރުމާއި، އަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމާއި، ދިވެހީން، ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއެއްމ: ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިރާދަކުރައްވައިފި ނަމަ މި މަޝްރޫއުން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނެ ކަމަށާއި އަދި ދަރީން ހެޔޮގޮތުގައި ބޮޑުކުރަން، މައިންބަފައިން ރެޔާއިދުވާލު އެ ވާ ގުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުއްމީދުން ފުރިފައިވާ ހިތްތަކަށް މި މަޝްރޫއުން ހޯއްދަވައިދެއްވާނެ ކަމަށެވެ.











