މި ސަރުކާރުން ބަންދު ދުވަސްތަކަށް ނުބަލައި މަސައްކަތް ކުރާނެ ކަމަށާއި ސަރުކާރު ހިނގާނީ "މުއިއްްޒު ދުވެލީގައި" ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލު އެމަނިކުފާނަށް ތައުރީފު ކުރައްވައިފި އެވެ.
ގިނަ ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ނުލިބޭ ގޮތަށް، އެންމެ ބައިގަޑި އިރަށް ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ނިންމަވައިލައްވަމުން ހަލީލު ވިދާޅުވީ ރައްޔިތުންނާއި ނޫސްވެރިން ވެސް ތިބީ މާޔޫސް ވެފައި ކަމަށާއި އެހެން ނަމަވެސް މި ސަރުކާރު ތަފާތުވާނެ ކަމަށެވެ. އޭނާ ތަކުރާރުކޮށް އިޝާރާތް ކުރެއްވީ މިނިސްޓަރުން މިއަދު ދެއްކެވި ވާހަކަތަކަކީ "އާވާހަކަތަކެއް ނޫން" ކަމަށް، ސުވާލުކުރުމުގެ ތެރޭގައި ނޫސްވެރިއަކު ބުނުމުން އެކަމަށެވެ.
"ހަމަ ވަރަށް ޖާއިޒު ސުވާލެއް [އެއީ] އިނގޭތޯ. އެއީ ނޫސްވެރިން ވެސް މާޔޫސްވެފައި، އެއް ވާހަކައެއް އަހާ އަހާ، ސުވާލުކޮށްކޮށް، އަމަލީ ސިފަ މިގައުމުގައި އަންނަ ތަނެއް ނުފެނޭ،" ހަލީލު ވިދާޅުވި އެވެ.
ހަލީލު ސިފަކުރެއްވި ގޮތުގައި އެ ސުވާލު އެގޮތަށް ކުރީ ނޫސްވެރިންނާއި ރައްޔިތުން ވެސް މާޔޫސް ވެފައި ތިބުމުންނެވެ. މިހާރު ތިއްބެވި ވަޒީރުން ކުރައްވާނެ ކަމަށް ވިދާޅުވާ މަސައްކަތްތައް ކުރެވޭނެ ކަމާ މެދުގައި ވެސް ނޫސްވެރިން ސުވާލު އުފައްދަވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މާޔޫސްވެފައި ތިބީމާ. އެހެން ނަމަވެސް އަަޅުގަނޑު ދަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ތަފާތުވާނެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނާ ވެސް ތަފާތުވާނެ. އަޅުގަނޑުމެން 17 ނޮވެމްބަރު މިފެށި ދަތުރު ކުރިއަށް ދާނީ މުއިއްޒު ދުވެލީގައި،" ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "މުއިއްޒު ދުވެލީގައި" ސަރުކާރު ހިނގަމުން ދާއިރު ވަޒީރުންނާއި މެނޭޖިން ޑިރެެކްޓަރުންނާއި ރައީސް އައްޔަން ކުރެއްވި އެހެން ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ހުކުރަކަށް، ހޮނިހިރަކަށް އަދި ބަންދު އެހެން ދުވަހަކަށް ބެލުމެއް ނެތި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކުރުކޮށް ކުރިއަށް ގެންދެވި ސަބަބެއް ކަަމށް އޭނާ ވިދާޅުވީ އެެއީ ތައާރަފްވެލުމުގެ ބައްދަލުވުމަކަށް ވުމެވެ.












