މިނިސްޓްރީތަކުގެ މެންޑޭޓުތައް މަސްހުނިވެފައި: ކޮން ކަހަލަ ބަދަލެއް؟

އާ ކެބިނެޓު ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، މެންޑޭޓުތަކާއި ވުޒާރާތަކުގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ - ފޮޓޯ: ރައީސް އޮފީސް

އާ ކެބިނެޓު ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، މެންޑޭޓުތަކާއި ވުޒާރާތަކުގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ - ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހަކީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އޮންނަ ތަނެވެ. ކޮންމެ ރައީސަކު ވެސް މަގާމާ ހަވާލުވެވަޑައިގެން، އެ ރައީސެއްގެ ވައުދުތަކާ އެއްގޮތަށް ކަންކަން ތަންފީޒުކުރެވޭނެހެން ވަޒީރުންގެ މަޖިލީހުގެ އޮނިގަނޑަށާއި، ވަކިވަކި މިނިސްޓްރީތަކުގެ މެންޑޭޓްތަކަށް ބަދަލު ގެންނަވަ އެވެ. އެގޮތުން މިނިސްޓްރީތަކަށް ކިޔާ ނަންތަކުން ފެށިގެން، މިނިސްޓްރީގެ ދަށުގައި ހުންނަ އިދާރާތަކަށް ބަދަލު ގެންނަވަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައެއް މިނިސްޓްރީތަކުގެ މެންޑޭޓު ނަގައި މުޅީން އާ މިނިސްޓްރީތަކެއް އުފެއްދެވި އެވެ. އަދި ވެރިކަމުގެ ވަކި ހިސާބަކުން، ނަތީޖާ އަށް ބައްލަވައި އަލުން ކުރިން އޮތް ގޮތަށް ވެސް ބަދަލުތައް ގެންނެވި އެވެ.

އޭރުގެ އެއް މިސާލަކީ, ހައުސިން، ޕްލޭނިން އަދި އިންފްރާސްޓްރަކްޗާގެ މެންޑޭޓެވެ. ކުރިން އެއް މިނިސްޓްރީއަކަށް ހަވާލުކޮށްފައިވާ މެންޑޭޓު ދެ މިނިސްޓްރީއަކަށް ބަހާލައިގެން ފެށި ނަމަވެސް ފަހުން އެ މިނިސްޓްރީގެ ފުރާޅުގެ ދަށަށް ގެންނެވި އެވެ. އަދި ވަކިން އުފެއްދި އިންފޮމޭޝަން، ކޮމިއުނިކޭޝަން، އަދި ޓެކްނޮލޮޖީގެ މިނިސްޓްރީގެ މެންޑޭޓުތައް އެއްކޮށް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ވެސް ގެންނެވި އެވެ.

އޭރު އެއީ ވަރަށް ކުދިކުދި ބަދަލުތަކެކެވެ. ނަމަވެސް ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ އެކި މިނިސްޓަރުންނަށް ހަވާލުކޮށްފައިވާ މެންޑޭޓުތައް ވަނީ ވަރަށް ބޮޑަށް ބަހާލައި، ބަދަލުކޮށްފަ އެވެ. އޭގެ ބޭނުމާއި، ފަހަތުގައިވާ ހިކުމަތްތެރި ވިސްނުން އަދި ސަރުކާރުގެ ފަރާތުން މާ ބޮޑަކަށް ސާފުކޮށްދީފަ އެއް ވެސް ނުވެ އެވެ.

އެންމެ ބޮޑު އެއް ބަދަލަކީ ބިދޭސީންނާއި މަސައްކަތްތެރީންގެ މެންޑޭޓެވެ. ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހަވާލުކޮށްފައިވާ މެންޑޭޓު ވަނީ ހޯމް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ގެންގޮސްފަ އެވެ. އެއީ ހޯމް މިނިސްޓްރީއަށް ބިދޭސީންގެ ކޯޓާ ކަނޑައެޅުމެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބިދޭސީން ހިމެނޭ ޙެން މަސައްކަތްތެރިންގެ މެންޑޭޓެވެ.

ދެން އޮތް އެންމެ ބޮޑު ބަދަލަކީ އިންފޮމޭޝަން، ކޮމިއުނިކޭޝަން، އަދި ޓެކްލޮނޮޖީ (އައިސީޓީ) ގެ މެންޑޭޓެވެ. ޑިޖިޓަލް ޖީލުގެ މުހިންމު ދާއިރާތައް ވަނީ ތިން މިނިސްޓްރީއަކަށް ބަހައިފަ އެވެ. އިންފޮމޭޝަނާއި މީޑިއާގެ މެންޑޭޓު ދީފައި ވަނީ ޔޫތު މިނިސްޓްރީއަށެވެ. ކޮމިއުނިކޭޝަންގެ މެންޑޭޓަކީ މިހާރު ކައުންސިލާއި ޕަބްލިކް މިނިސްޓްރީގެ މެންޑޭޓެކެވެ. ޓެކްނޮލޮޖީގެ ކަންކަމަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ހަވާލުކޮށްފައިވާ މެންޑޭޓެކެވެ.

ހޯމް މިނިސްޓްރީގެ ދަށަށް ޓެކްނޮލޮޖީއާއި އެންޑީއޭ، އިމިގްރޭޝަން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާ ހަވާލުކޮށްފައިވާ މި މިނިސްޓްރީއަކީ ވަރަށް ގިނަ މެންޑޭޓުތައް އޮތް މިނިސްޓްރީއެކެވެ. މީގެ ކުރިން އެކި މިނިސްޓްރީގެ ދަށުގައި ހުރި މެންޑޭޓްތައް، ހާއްސަކޮށް ޑިފެންސް މިނިސްޓްރީގެ ބައެއް މެންޑޭޓްތަކާއި ޓެކްނޮލިޖީގެ މެންޑޭޓު މި ވަނީ މިނިސްޓަރު އިހުސާންގެ މާލިމީކަމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފަ އެވެ.

- މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި؛

  1. ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތް
  2. އިމިގްރޭޝަންގެ މަސައްކަތްތައް
  3. ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުން
  4. ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާގެ މަސައްކަތްތައް

މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ، ނޭޝަނަލް ޑްރަގް އެޖެންސީ އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިމެނެ އެވެ.

މީގެ ތެރެއިން އިމިގްރޭޝަނަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގި އިދާރާއެކެވެ. އަދި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ އަކީ ވަކިން ޓެކްނޮލޮޖީ މިނިސްޓްރީއެއްގެ ދަށުން ހިންގި އިދާރާއެކެވެ. ނޭޝަނަލް ޑްރަގް އެޖެންސީ ރައީސް ސޯލިހުގެ ވެރިކަމުގައި ފަހުން ހިންގީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. އޭގެ ކުރިން ޖެންޑާ މިނިސްޓްރީން ހިންގާފައިވެ އެވެ.

މިނިސްޓަރު އިހުސާނަކީ ޑިފެންސް ދާއިރާގެ ތަޖުރިބާކާރެކެވެ. ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއާ ހަވާލުކުރި މިނިސްޓްރީގެ މެންޑޭޓަށް ސެކުއިރިޓީ ގެނެސް، ހޯމް މިނިސްޓްރީގެ ނަމުން ދީފައިވާ މިނިސްޓްރީގެ ނަން ހޯމްލޭންޑް ސެކުއިރިޓީއަށް ބަދަލުކުރީ އެވެ.

ހަޔާ އެޑިއުކޭޝަންގެ ދަށަށް މަސައްކަތްތެރިންނާއި ވަޒީފާގެ މުއާމަލާތްތައް

ޑރ މަރިޔަމް މާރިޔާގެ ބެއްލުވުމުގެ ދަށުން މި މިނިސްޓްރީ ހިންގަމުންދާ އިރު މި މިނިސްޓްރީން ފާހަގަވާ އެންމެ ބޮޑު ތަފާތަކީ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް މި މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަމެވެ.

މި މިނިސްޓްރީގައި ހިމެނޭ ބައެއް މެންޑޭޓްގެ ތެރޭގައި

  1. މަތީ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމުގެ ކަންކަން
  2. ވަޒީފާއާ ބެހޭ ގާނޫނުގެ މަސައްކަތްތައް
  3. ދިރާސާކުރުމަށް ރިސަރޗް ފަންޑެއް ގާއިމްކޮށް ބެލެހެއްޓުން
  4. ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުން

މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ, ލޭބާ ރިލޭޝަންސް އޮތޯރިޓީ, މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ, މޯލްޑިވްސް ޕޮލިޓެކްނިކް އަދި ނޭޝަނަލް ޖޮބް ސެންޓަރު ހިމެނެ އެވެ.

މީގެ ތެރެއިން ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި ނޭޝަނަލް ޖޮބް ސެންޓަރަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ އިދާރާތެކެވެ.

އިންފޮމޭޝަން، ކޮމިޔުނިކޭޝަން އަދި ޓެކްނޮލޮޖީ; އެއް ގޮތް ތިން ދާއިރާ ތަފާތު ތިން މިނިސްޓްރީއަކަށް

މިއީ ރައީސް ސޯލިހުގެ ވެރިކަމުގައި އެއް މިނިސްޓްރީއެއްގެ ދަށުން ހިންގި ތިން ދާއިރާ އެވެ. އެހެން ނަމަވެސް މިހާރު މި ތިން ދާއިރާ ވެސް މި ވަނީ ތަފާތު ތިން މިނިސްޓްރީއަކަށް ބަހާލާފަ އެވެ.

ޓެކްނޮލޮޖީގެ ދާއިރާ

ޓެކްނޮލޮޖީގެ މެންޑޭޓާއެކު ހޯމް މިނިސްޓްރީގެ ނަން ވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ބަދަލުކޮށްފަ އެވެ. މިނިސްޓްރީގެ ދަށުން ޓެކްނޮލޮޖީގެ ދާއިރާއިން ކުރުމަށް ހުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި

  • ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ރާވައި ހިންގުން
  • ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް ގްރާންޓް ހޯދުން
  • ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްގީކުރުން ހިމެނެ އެވެ.

އިންފޮމޭޝަންގެ ދާއިރާ

އިންފޮމޭޝަންގެ ދާއިރާ ޔޫތު މިނިސްޓްރީއާ ހަވާލުކޮށް މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ގޮތަށް މި ބަދަލު ގެނެސްފައިވާއިރު މިނިސްޓްރީ ހަވާލުކުރި މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަކީ މީޑިއާ ދާއިރާގެ ތަޖުރިބާކާރެކެވެ. ނޫސްވެރިޔެއްގެ ގޮތުގައި އަދި މީޑިއާއެއް ހިންގެވުމުގައި އަހަރުތަކެއް ވަން ދެން އުޅުއްވާފައިވާ ބޭފުޅެކެވެ.

މިނިސްޓްރީގެ ދަށުން އިންފޮމޭޝަންގެ ދާއިރާއިން ކުރުމަށް ހުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި

  • ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް
  • ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކުރުން
  • މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުން

ކޮމިއުނިކޭޝަންގެ ދާއިރާ

ކޮމިޔުނިކޭޝަންގެ ދާއިރާ ހަވާލުކުރީ މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އަށެވެ. ކޮމިޔުނިކޭޝަންގެ ދާއިރާއިން މިނިސްޓްރީން ކުރުމަށް ހުރި ބައެއް މަސައްކަތްތަކުގެ ތެރޭގައި؛

  • ކޮމިއުނިކޭޝަންގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގުން
  • ރާއްޖޭގެ ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާބެހޭ ސިޔާސަތު ކަނޑައެޅުން
  • ކޮމިއުނިކޭޝަންގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައެޅުން ހިމެނެ

ސަރުކާރުން ބުނަނީ ކީކޭ؟

އަލަށް އެކުލަވާލާ ވުޒާރާތަކާއި އިދާރާތަކަކީ ނުވަތަ އެތަންތަނަށް ގެންނަ ބަދަލުތަކަކީ ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ގެންނަ ބަދަލުތަކެކެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު" ނޫހަށް ވިދާޅުވީ ކުރީ ސަރުކާރުގައި އެއް ވުޒާރާއިން ކުރަމުންދިޔަ މަސައްކަތް އެހެން ވުޒާރާއަކަށް ބަދަލުކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެއް ވުޒާރާއަކުން ކުރަމުންދިޔަ މަސައްކަތް އެހެން ދެ ވުޒާރާއަކަށް ނުވަތަ އިތުރު ވުޒާރާތަކަކަށް ބަހާލާފައިވެސް ހުންނާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރުމުގެ މައިގަނޑު ދެ ބޭނުމެއް ވެއެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ދިނުން އިތުރަށް ފަސޭހަ ކުރުމާއި ދާއިރާތަކުގެ ތަރައްގީއަށް މަސައްކަތްކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި ދާއިރާތައް ހަވާލުކޮށްފައި ވާނީ އެ ދާއިރާތައް ހިންގުމަށް އެންމެ ގާބިލް ބޭފުޅުންނާކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު މާރިޔާ ވިދާޅުވީ އެ މިނިސްޓްރީގެ ތިން ދާއިރާ ކަމަށްވާ މަތީ ތައުލީމް، މަސައްކަތެރިކަން އަދި ހުނަރު ތަރައްގީ ކުރުމަކީ ވަރަށް ގުޅި ލާމެހިފައިވާ ތިން ދާއިރާ ކަމަށެވެ. މި ތިން ދާއިރާ އެކުގައި މަސައްކަތް ކުރުމަކީ އުފެއްދުންތެރި ޖީލެއް ބިނާ ކުރުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި އެވެ.

ރަނގަޅު ބަދަލެއްތަ؟

ސަރުކާރުގެ އޮނިގަނޑަށް މި ގެނައި ބަދަލުތަކަކީ ބޮޑެތި ބަދަލުތަކެކެވެ. މިއިން ކޮންމެ ބަދަލަކާ އެކީ ވެސް އާންމުންނަށް ދޭ ހިދުމަތްތަކަށް އަދި އެ ހިދުމަތްތައް ހޯދުމަށް އާންމުން ކުރާ މަސައްކަތްތަކަށް ބަދަލު އަންނާނެ އެވެ.

އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ ކުރީގެ ޗެއާ އަދި މިހާރު ޑިމޮކްރެޓްސްގެ ލީޑަރު ކަމަށް ވާދަ ކުރައްވާ ހުސެއިން އަމްރު ވިދާޅުވީ ސަރުކާރުގެ ކެބިނެޓަކީ ސަރުކާރުގެ އޮނިގަނޑު ކަމަށެވެ. އެހެންކަމުން އޮނިގަނޑަށް ގެނެވޭ ބަދަލުތަކަކީ ރައްޔިތުންނަށް ސާފުކޮށް އެނގިފައި އޮންނަން ޖެހޭ ކަމެއްކަން ވިދާޅުވި އެވެ.

ސަރުކާރުގެ އޮނިގަނޑެއް އެކުލަވާލާއިރު ދެ ކަމަކަށް ބަލަން ވާނެ ކަން އަމްރު ފާހަގަ ކުރެއްވި އެވެ. ފުރަތަމަ ކަމަކީ އާންމުންނަށް ފަސޭހަ ހިދުމަތެއް ދިނުމެވެ. ދެ ވަނަ ކަމަކީ ހިންގުމުގެ ހަރަދު ކުޑަ ވާނެ ގޮތަކަށް ސަރުކާރުގެ އޮނިގަނޑު އެކުލަވާލުމެވެ.

މިނިސްޓްރީތައް ގިނަ ވުމަކީ އެ ދެ ކަމަށް ބެލިޔަސް، އެ އަމާޒާ އިދިކީލަ ސިޔާސަތެކެވެ. އަދި އެއް މިނިސްޓްރީއަކަށް މާ ގިނަ މެންޑޭޓްތައް ހަވާލުކުރުމަކީ ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭނެ ކަމެކެވެ. އެއް ދާއިރާއެއްގައި ހިމެނޭ މެންޑޭޓުތައް ވެސް ވަކިވަކި މިނިސްޓްރީތަކަށް ދިނުމަކީ ވެސް އެފަދަ ކަމެކެވެ.

މިނިސްޓްރީތަކަށް ގެނެވޭ ބަދަލުތަކާއެކު އާންމުން ހިދުމަތް ހޯދަން ދާ އިދާރާތަކަށް އަންނަ ބަދަލުތަކަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ހުންނަން ވާނެ ކަންކަމެވެ.

އަމްރުގެ ކަންބޮޑުވުމަކީ އެއީ އެވެ.

މިނިސްޓްރީތައް އެކުލަވާލާއިރު ބަލަން ޖެހޭނީ ޕޮސެސް ފްލޯއަށް، ހިދުމަތެއް ހޯދަން، އެ ކަމަށް އެދެން މި ދަނީ ކޮން މިނިސްޓްރީއެއްގެ އިދާރާއަކުންތޯ، ހިދުމަތް ލިބި ނިމެނީ ކޮން މިނިސްޓްރީއެއްގެ އިދާރާއަކުންތޯ

އަމްރު ވިދާޅުވީ މިނިސްޓްރީތައް އެކުލަވާލަންވާނީ މަސައްކަތްތަކާއި މެންޑޭޓްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި މިނިސްޓްރީ އެކުލަވާލުމަށްފަހު މަސައްކަތްތައް ބަހާލުމަކީ އެކަމުގެ ސަބަބުން އުނދަގޫ ވާނެ ކަމެއްކަމަށް ވިދާޅުވި އެވެ.

އާ ސަރުކާރުގެ މިނިސްޓްރީތަކަށް ގެނެވުނު ބަދަލުތަކުގެ ފަހަތުގައި ވެސް ހިކުމަތްތެރި ސަބަބުތަކެއް ހުންނާނެ އެވެ. އާ ސަރުކާރުން މި ކަންކަން ސާފުކޮށްދޭން ޖެހެ އެވެ. ރައްޔިތުންނަށްޓަކަ އެވެ. ރައްޔިތުންނަށް ހިދުމަތް ހޯދަން އެނގޭނީ ވެސް އޭރަށެވެ.

އެއީ ވަކި މީހަކަށް ވަކި ދާއިރާއެއްގެ ބެލެނިވެރިކަން ދިނުމުގެ ބޭނުމުގައި ގެނެސްފައިވާ ބަދަލުތަކެއްތޯ ސުވާލު އުފެދުމުގެ ޖާގަ ދީގެން ނުވާނެ އެވެ. ސާފުކޮށް ނުދީ ސަރުކާރު ހިންގާ ކޮންމެ ދުވަހަކާ އެކު އެ ތުހުމަތު ކުރުމުގެ ޖާގަ އެބަ ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox