ދައުލަތުގެ ރިޒާވްގައި ހުރި ފައިސާގެ އަދަދު ދަށަށް ގޮސްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކުރާ އިކޮނޮމިކް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ގެ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަނީ 15 އިންސައްތަ ދަށަށް ގޮސްފައެވެ.
ރިޕޯޓުގައިވާ ގޮތުން އޮގަސްޓް މަސް ނިމުނުއިރު ރިޒާވްގައި 694.2 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންނަމަވެސް ސެޕްޓެމްބަރު މަސް ނިމުނުއިރު ރިޒާވްގެ އަދަދު ވަނީ 592.7 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވްގައި ހުރި ފައިސާގެ އަދަދު ދަށަށް ދިޔަ ނަމަވެސް، މިއީ މިދިޔަ އަހަރުގެ ސެޕްޓަމްބަރު މަހު ރިޒާވްގައި ހުރި އަދަދަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރިޒާވްގައި ހުރީ 540.3 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވްގައި ހުރި ފައިސާ ވަނީ 10 އިންސައްތަ އިތުރުވެފަ އެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތަށް 28 ބިލިއަން ރުފިޔާ ލިބިފައިވާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.













