ފުވައްމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ކާގޯ ވެހިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ކާގޯ ވެހިކަލު ދުއްވަން އިން މުވައްޒަފު ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވެފައިވަނީ 24 އަހަރުގެ ފިރިހެނަކަށެވެ.
މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓު ހިނގީ މާލެއިން ދިޔަ ފުލައިޓެއް އެއާޕޯޓުގައި ޕާކުކޮށްފައި އޮއްވާ ކަމަށެވެ.
"ބަލާބެލުމަށް އެހާބޮޑު ގެއްލުމެއް ނެތް، އެކަމަކު މިކޮޅުން އެބަދޭ ރެސްކިއު ފުލައިޓެއް އިންޖިނޭރުންނާ އެއްކޮށް، އެ ފުލައިޓު އެކޮޅުގައި ތިބި ފަސިންޖަރުންނާއެކު އެނބުރި އަންނާނެ,"
އަދި، އެކްސިޑެންޓުގައި ފުލައިޓަށް ވެފައިވާ ގެއްލުން، މިހާރު ދަތުރުކުރަމުންދާ އިންޖިނޭރުންގެ ޓީމުން ބަލާ، ރިޕޯޓެއް އެކުލަވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ލިބިފައެއް ނުވެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ވެހިކަލް ޖެހިފައިވަނީ ބޯޓުގެ އެއް އަރިމަތީގަ އެވެ.












