އެ މަނިކުފާނުގެ ވެރިކަމުގައި ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްޙަ މަސަލަސް ކަމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ ވޭތުވެގެން މިދާ ފަސް އަހަރު މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"ކުށްކުރާ ގްރޫޕްތަކާއި ޑްރަގުގެ ވިޔަފާރި އާއި ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު. މިމަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު،" ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ މަނިކުފާނު ދެއްވާނެ އެންމެ ފަހު ހިތާބުގައި ވިދާޅުވި އެވެ.
އަންނަ ހުކުރު ދުވަހު އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ފުލުހުންނާ ސިފައިން އަދި މިނިވަން މުއައްސަސާތަށް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ގައުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށާއި ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އެދާއިރާތަކަށް އެ މަނިކުފާނު ދެއްވި ކަމަށެވެ.

ވެރިކަމުގެ ހައްގުތައް އަދާ ކުރުމުގައި ހަމަހަމަ ކަމާއެކު އިޖްތިމާއީ އަދާލަތު ގާއިމްކުރުމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކުރަން އިސްކަން ދެއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހިދުމަތްތައް ހަމަހަމަ ކުރެވި ، ވަސީލަތްތައް ފުރިހަމަކޮށް ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާންޖެހޭ ހައްގުތަކަށް އިސްކަން ދިނިން. ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފިން. ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ޝުކުރު އެންމެނަށް
ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި އެއްބާރުލުމާއި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް އެ ރައީސް މިއަދު ވެސް ޝުކުރު އަދާކުރެއްވި އެވެ.
"އެ ޕާޓީއަކަށް އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ލީޑަރޝިޕްއާ ، ޕާލިމަންޓަރީ ގްރޫޕާ އަދި އާންމު މެންބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރާއެކު ތިއްބެވި ކޯލިޝަން ޕާޓީތަކުގެ ލީޑަޝިޕާއި އެ ޕާޓީތަކުގެ މެންބަރުންގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތް ވެސް ރައީސް ފާހަގަ ކުރެއްވެވި އެވެ.
ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން އަދާކުރެއްވި މުހިއްމު ގައުމީ ވާޖިބްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމަށް ފަހު ރައީސް ފާހަގަ ކުރެއްވީ ނޫސްވެރިންގެ މަސައްކަތް ވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
"އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުން ހޯދި ހުރިހާ ކާމިޔާބީއެއްގެ އެއް ބައިވެރިއަކީ ދިވެހި ލޮބުވެތި ރައްޔިތުން. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން" ރައީސް ވިދާޅުވި އެވެ.
ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގެނެވުމުގެ ކާމިޔާބީ ފާހަގަ ކުރެއްވުމާ އެކު ހިތާބުގައި އެމަނިކުފާނު ވިދާޅުވީ މިހޯދުނު ކާމިޔާބީތަށް ހިފަހައްޓައި، ދަމަހައްޓައި ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާ ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ހިތާބުން ފާހަގަކޮށްލެވޭ ހަބަރުތައް
މުހިއްމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރަމުން ދަނީ. މި ޓާމިނަލަކީ ނިމިގެން މިދާ ސަރުކާރުގެ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫއެއް. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޓާމިނަލް ބިންގާ އަޅާފައި ވިޔަސް، ގިނަ މަސައްކަތްތަކެއް ކޮށްފައި ނެތް. ޓާމިނަލްގެ ޑިޒައިން މިހާރު އެ ފެންނަ ގޮތަށް ބަދަލުކޮށް، މަސައްކަތުގެ ބޮޑުބައި ނިންމައި، އަދި ފުރިހަމަ ކުރަން ބޭނުންވާ ފައިސާ ވެސް ހޯދީ މި ސަރުކާރުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު













