ކޮލިޓީ މައްސަލައެއް ދިމާވެގެން ކުޑަކުދިންނަށް ދޭ ޕެރަސަޓަމޯލް ދިޔާ ބޭހުގެ ބްރޭންޑެއް ނުވިއްކަން އަންގައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ, ރާއްޖޭގެ މާކެޓުގައި މިވަގުތު ހުރި މި ބޭހުގެ ކުލަ ބަދަލުވެ, ގަނޑުވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އިންޑިއާގައި މެނުފެކްޗާކޮށްފައިވާ ކުޑަކުދިންނަށް ދޭ ދިޔާ ބޭހެކެވެ.
އެމްއެފްޑީއޭއިން ބުނީ, އެ އޮތޯރިޓީން ބަލަންޖެހޭ ކަންކަން ބަދަމުންދާތީ, އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމް މަނާކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ދޭ ބޭހެއްގެ ކޮލިޓީ މައްސަލައެއް ފެންމަތިވެފައިވާއިރު, ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރި ސިޓްރިޒެން ދިޔާ ބޭހެއްގެ ބެޗެއް ވެސް ރާއްޖެއިން ވަނީ ފެނިފަ އެވެ.
ޕެރެސެޓަމޯލް އާއި ކެއްސުމާއި ރޯގާއަށް ބޭނުން ކުރާ ބައެއް ވައްތަރުގެ ދިޔާ ބޭހުގައި މި ނުރައްކާތެރި މާއްދާތައް ހިމެނޭތީ, ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ކުޑަކުދިންތަކެއް މަރުވެފަ އެވެ. އެކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓްތަކާ ގުޅިގެން ރާއްޖެއިން ވެސް ދަނީ ރެންޑަމްކޮށް މާކެޓުގައި ހުރި ބޭސްތަކުގެ ސާމްޕަލް ނަގާ ސްކްރީން ކުރަމުންނެވެ.

މިއަހަރު މިހާތަނަށް ރާއްޖޭގެ މާކެޓުން 10 ސާމްޕަލް ނަގާ, ފުޑް އެންޑް ޑްރަގް އޮތޯރިޓީން ސްކްރީން ކުރިއިރު, "ޑައިއެތިލީން ގްލައިކޯލް (DEG)" އަދި "އެތިލީން ގްލައިކޯލް(EG)" ހިމެނޭ ބެޗެއް ވަނީ ފެނިފަ އެވެ. އެއީ ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާފައިވާ އަލެގްރޯ ބްރޭންޑުގެ 5ml ސިޓްރިޒެން ދިޔާ ބޭހުގެ B220 ބެޗެވެ.













