މާލޭ މޭޔަރު ކަމަށް ކުރީގެ އެޓާނީ ޖެނެރަލުގެ އައިޝަތު އާޒިމާ ޝަކޫރު ވާދަ ކުރައްވަން ނިންމަވައިފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ މޭޔަރުގެ މަގާމަށް ވާދަ ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކަމަށެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އާޒިމާ ތާއިދު ކުރެއްވީ އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމަށެވެ. ދެ ވަނަ ބުރުގައި ތާއިދު ކުރެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.
މާލޭ މޭޔަރުގެ ގޮނޑި މި މަހުގެ 17 ގައި ހުސްވަނީ މިހާރު މޭޔަރު ކަމުގައި ހުންނެވި މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާތީ އެވެ.
މޭޔަރު ހޮވުމަށް ޖެނުއަރީ މަހު ބާއްވާ ބައި އިލެކްޝަންގައި ވާދަ ކުރައްވަން ނިންމެވީ އާޒިމާ ވިދާޅުވި ގޮތުގައި އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމި ހުރި މީހަކަށް ވެފައި ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމުގެ ޝައުގު އަދިވެސް ހުރުމުންނެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާނެ ޔަގީން ކަމަކީ އަޅުގަނޑަކީ މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާނެ މީހަކަށް ވާނެ ކަމެވެ. އަދި ކޮންމެ ހާލެއްގައި ވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދު ވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަމެވެ،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އާޒިމާ ޕޯސްޓުކުރެއްވި ލިޔުމުގައި ވިދާޅުވެފައިވެ އެވެ.
"ތިޔަ ބޭފުޅުންނާއެކު މަސައްކަތްކުރާނެ ވިއުގައެއް އުފައްދައި މާލޭ ސިޓީއަކީ ތިޔަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއާއެކު ތަރައްގީކޮށް އާއިލާއާއެކު ދިރިއުޅެވޭނޭ ފަދަ ތަނަކަށް ހަދައިދޭނެ ކަމެވެ. ގްރޭޓާ މާލެއަކީ ވިޔަފާރި އާއި ވަޒީފާތަކަށް މަގުފަހިވެފައިވާ އަދި ހުރިހާ ގިންތިއެއްގެ ހުރިހާ އުމުރެއްގެ ހުރިހާ ހާލަތެއްގައި ވެސް ރައްޔިތުންނަށް ވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ހަދައިދޭނެ ކަމެވެ."
ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް މޭޔަރުގެ މަގާމަށް ވާދަ ކުރައްވާކަން އިއުލާނު ކުރައްވާފައި ވާއިރު، އެމްޑީޕީގެ ޓިކެޓުގައި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ވާދަ ކުރައްވާކަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.












