އެމްޑީޕީން އެދުނު ގޮތަށް މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައި ރައީސް، މުހައްމަދު ނަޝީދުގެ މައްސަލަ އެޖެންޑާގައި ހިމަނައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ވެސް ތާވަލު ކުރި އެވެ. އެހެންނަމެސް މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވުމުގެ ސަބަބުން މިއަދު ޖަލްސާ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު މަޖިލިސް އޮތީ ފާޑެއްގެ މަރުތަޅެއް އެޅި މަސައްކަތްތައް ހުއްޓިފަ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާތީ އެމްޑީޕީން އިހުތިހާޖު ކުރަމުންދާއިރު ނައިބު ރައީސް ހާޒިރު ނުވަނީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ހަމައެއް ނެތް ކަމަށް މަޖިލީހުގެ އިދާރާއިން ދަނީ ބުނަމުންނެވެ.
އެކަން ހައްލުކުރުމަށް އެމްޑީޕީން ވަނީ ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެމްޑީޕީން އެ މައްސަލަ ހުށަހެޅީ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސް އަށް ކަމަށް މަޖިލީހުގެ އިދާރާއިން މާނަކުރާތީ އެވެ.
ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދުނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ވެސް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި އޮވެ އެވެ. މިހާރު ދިމާވެގެން އުޅޭ މައްސަަލައަކީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް އޮންނަ އޮތުމަށް އެކަނި ރިއާޔަތްކޮށްގެން ޖަލްސާ ނުބޭއްވުމުގެ މައްސަލަ އެވެ.













