އައްޑޫ ސިޓީގެ ހަތަރު އަވަށަކުން ދޫކުރާ ގޯތިތައް އަންނަ މަހުގެ ތެރޭގައި ހަވާލުކުރަން ފަށާނެ ކަމަށް އެ ސިޓީގެ މޭޔަރު ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫން ބޯހިޔާވަހިކަމުގެ ބޭނުމަށް ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލީ މި އަހަރުގެ ކުރީކޮޅެވެ. ފުރަތަމަ އިއުލާންކުރީ 1000 ގޯތި ދޫކުރުމަށެވެ. އެއީ:
- ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި
- ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި
- ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި
- މީދޫން 2000 އަކަފޫޓުގެ 100 ގޯތި
ނަމަވެސް, ފަހުން ސިޓީ ކައުންސިލުން ވަނީ ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ މިދިޔަ އޮގަސްޓުގައި ލިސްޓުތައް އިއުލާންކޮށްފަ އެވެ. އެގޮތުން ގޯއްޗަށް ހުށަހެޅި 4160 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 3997 މީހުންނަށް ގޯތި ދޭން ނިންމާ ވަގުތީ ލިސްޓު އާންމުކޮށްފަ އެވެ.
އިތުރަށް ދޫކުރަން ޖެހޭ ގޯތިތައް ދޫކުރަނީ ކޮން ސަރަހައްދަކުންތޯ "އަދަދު"އިން ސުވާލުކުރުމުން ނިޒާރު ވިދާޅުވީ އެކަން ކުރަން ނިންމާފައި ވަނީ ހިއްކާ ނިންމާފައިވާ ސަރަހައްދުތަކުން ކަމަށެވެ.
"އިތުރު ގޯތިތައް ދޫކުރާނީ ހިއްކާފައިވާ ސަރަހައްދުން. އެތަންތަނުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ" އޭނާ ވިދާޅުވި އެވެ.

ގޯތި ދޫކުރަން އިއުލާންކުރި ރަށްތަކުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް ނިމިފައި ވަނީ ހިތަދޫގަ އެވެ. ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރުގައި ނިންމާލައިފި އެވެ. ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމުގެ މަޝްރޫއު ރާވައިފައިވީ ނަމަވެސް އަދި އެ މަސައްކަތް ކުރިއަށް ނުދެ އެވެ.
އައްޑޫ ސިޓީން ގޯއްޗަށް ޝަރުތު ހަމަވީ:
- ހިތަދޫ - ކެޓެގަރީ އޭ 2104، ކެޓެގަރީ ބީ 304 މީހުން (ޖުމްލަ 2408)
- ފޭދޫ - ކެޓެގަރީ އޭ 844 މީހުން، ކެޓެގަރީ ބީ 176 މީހުން (ޖުމްލަ 1020 މީހުން)
- މީދޫ - ކެޓެގަރީ އޭ 271 މީހުން، ކެޓެގަރީ ބީ 34 މީހުން (ޖުމްލަ 305 މީހުން)
- ހުޅުދޫ - ކެޓެގަރީ އޭ 228 މީހުން، ކެޓެގަރީ ބީ 36 މީހުން، (ޖުމްލަ 264 މީހުން)













