ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކޮށް، ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ހާލަތެއްގައި އަމިއްލަފުޅަށް ވަޑައިގެންނެވޭ ގޮތަށް ބަންދަށް ލުއިދީފައިވަނިކޮށް ޕީޕީއެމްގެ މައި އޮފީހަށް ވަޑައިގެންނެވި މައްސަލާގައި ކަރެކްޝަންސް އިން ރަސްމީ ބަހެއް ނެތް ކަމަށް ބުނެފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ޔާމީން މިދިޔަ މަހުގެ އެކެއްގައި ޔާމީން ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލުކުރެވޭނެ ހާލަތްތަކެވެ.
އެ ނިންމުމަށްފަހު ހޮނިހިރު ދުވަހު ޔާމީނަށް ސަރުކާރުން އިތުރު ލުޔެއް ދިނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ބުނީ "މެޑިކަލް ކަންކަމަށް، އެމްސީއެސް [ކަރެކްޝަންސް] އަށް އެންގުމަށްފަހު ބޭރަށް ދިޔުމަށް ލުއިތަކެއް [ޔާމީންއަށް] ދީފައިވާ" ކަމަށެވެ. ނަމަވެސް ޖެހިގެން އައި ރޭ ޔާމީން ހުންނެވީ ޕީޕީއެމްގެ ރަސްމީ އޮފީހުގަ އެވެ.
ޔާމީން މިގޮތަށް އަމަލުކުރެއްވީ ކަރެކްޝަންސްއަށް އަންގަވާފައި ތޯ "އަދަދު" އިން ސުވާލުކުރުމުން އެ ހިދުމަތުގެ މީޑިއާ އޮފިޝަލު ވިދާޅުވީ "މިވަގުތަށް ރަސްމީ ބަހެއް ދެވެން ނެތް" ކަމަށެވެ.
މިކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ގުޅާލުމުން ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އެ ރޭ ކަން ހިނގި ގޮތް ސާފުނުވާ ކަމަށާއި ޔާމީން ކަރެކްޝަންސް އަށް މައުލޫމާތު ދެއްވިކަން "ނޭނގޭ" ކަމަށެވެ. ޕީޕީއެމް އޮފީހުގައި ތިބި ސަޕޯޓަރުންނާ ޔާމީނު ވާހަކަދެއްކެވިއިރު އެންމެ އަރިހުގައި އިންނެވީ ޖަމީލު އެވެ.

ޔާމީންގެ ވެރިކަމުގައި ފާސްކުރި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވާ ގޮތުން، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ އަދި ހާއްސަކޮށް ސިޔާސީ ޕާޓީއެއްގެ ލީޑަޝިޕުގައި ބައިވެރިވުމަކީ މަނާކަމެކެވެ.
ކުއްލި ގޮތަކަށް ޕީޕީއެމްގެ އޮފީހަށް ވަދެވަޑައިގެން އެ މަނިކުފާނު ވަނީ އެތަނުގައި ތިއްބެވި ސަޕޯޓަރުންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ޔާމީން ވިދާޅުވީ ކުރިއަށް މިއޮތް ފަސް އަހަރަކީ ހަމަޖެހިގެން ތިބެންވީ ފަސް އަހަރު ނޫން ކަމަށާއި މިހާރުން ފެށިގެން ޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
ގޭ ބަންދުގައި ހުންނެވިއިރުވެސް ޔާމީނު ވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައިގެން 15 ވަރަކަށް މިނެޓަށް ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދެއްކެވި އެވެ. އެފަހަރުވެސް ކަރެކްޝަންސް އިން ބުނީ އެކަމުގައި އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.
ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.
އޭގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.











