ވިލާ ކޮލެޖުން އަންނަ ޖެނުއަރީގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވިލާ ކޮލެޖުގެ 2024 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި 190 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަސިޓީ އެއް ކަމަށްވާ، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެއެވެ.
އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
އެކޮލެޖުން ބުނި ގޮތުގައި ޖެނުއަރީ އިންޓޭކްގައި މާސްޓާސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 45 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިފަހަރު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ޤައުމީ ސެޓްފިކެޓް 4ގެ ކޯހަކާއި ސެޓްފިކެޓް 3ގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެެވެ.
ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕޯޓްސްމޯތް ޔުނިވާސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކާއި މެލޭޝިއާ ގެ ޓެއިލާސް ޔުނިވަސިޓީގެ ޕްރޮގްރާމްތައްވެސް ހިމެނޭ ކަމަށެވެ.
އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް އަންނަ އަހަރުގެ ޖޫން މަހުގެ އިންޓޭކަށް ހުޅުވާލާފައިވާ ކަމަށާއި ސަޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް)ގެ ކޯސްތަކާއި ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް، އޮޕްރޭޝަންސް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލްގެ ކޯހެއްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަސހުގައި ވެސް ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.
އެ ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހެވެ. ކޯސްތަކުގެ ކިޔެވުން ފަށާނީ ޖެނުވަރީ މަހުގެ ފަހު ހަފްތާ ތެރޭގަ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތްވެސް ވަނީ ހަމަޖައްސާފަ އެވެ. އަދި ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.












