ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަން ބިލަށް ހިޔާލު ހޯދަން މިއަދު ހުޅުވާލަފައިފި އެވެ.
މަޖިލިސް އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، އިންޑަސްޓްރިއަލް ރިލޭޝަން ބިލަށް އެެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އަންނަ މަހުގެ ދެވަނަ ދުވަހުގެ 12:00 ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެ ބިލާ ގުޅޭގޮތުން އީމެއިލް ނުވަތަ ލިޔުމުން ވެސް ހިޔާލު ހުށަހެޅޭނެ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދޭ ބިލެކެވެ.
ބިލު ހުށަހެޅުމުގެ މަގުސަދަތުތައް
- ގާނޫނު އަސާސީން ކަށަވަރުކޮށްދިފައިވާ ހަޅުތާލުކުރުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ ހައްގާއި ޖަމާއަތްތައް (ޓްރޭޑް ޔޫނިއަންތައް) ހެދުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުން
- މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން އެއްބަސްވުންތަކަށް ވާސިލުވުމުގެ މެކޭނިޒަމް ގާއިމްކުރުން
- ވަޒިފާގެ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާއި އެއްހަމައެއްގައި އިޖުރާއަތުތައް ކަނޑައެޅުން












