ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމުހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ޖެހި މައްސަަލައިގެ ސީސީޓީވީ ފޫޓޭޖު ގިނަ ދުވަސްވުމުގެ ސަބަބުން ލިބެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މި މައްސަލަ ބަލައިދިނުމަށް ޖޭޕީން އެދުނީ ޖުލައި، 7 2021 ގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ފަންގިފިލާގައި ހުން އެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އަދި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖަހައިފައި އިން ކަރުދާސްގަނޑެއް ހިއްޕީ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
އެ މައްސަލަ ބަލަމުން އަންނަ މަޖިލިހުގެ ސުލޫކީ ކޮމިޓީން ގިނަ ދުވަސްތަކެއް ފަހުން މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ވަނީ އެ ހާދިސާ ހިނގި ގޮތުގެ ސީސީޓީވީ ފުޓޭޖު ގިނަ ދުވަސްވުމުގެ ސަބަބުން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ސިޓީއަކުން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޑިފެންސް މިނިސްޓްރީން މަޖިލީހަށް އެ ސިޓީ ފޮނުވީ ހާދިސާ ހިނގިތާ އެއް މަސް ފަހުން އޮގަސްޓް 8، 2021 ގަ އެވެ. ނަމަވެސް، އެ ސިޓީ ފޮނުވި ފަހުން ސުލޫކީ ކޮމިޓީގެ ބައްދަލުވުމެއް ބާވާފައެއް ނުވެ އެވެ.
މި މައްސަލައާއި ގުޅޭގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ ސީސީޓީވީ ފުޓޭޖް ނުލިބުމުގައި އިހުމާލެއް އުޅޭކަމަށާއި މައްސަލަ އިތުރަށް ބަލަންޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ޑިފެންސް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކޮށްގެން ސުވާލުކުރުމަށް ނަޝީދު ހުށަހެޅުއްވި އެވެ.

"އަޅުގަނޑު ހުށަހަޅަށް މިތަނަށް އެމީހުން[މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ޑިފެންސް މިނިސްޓްރީގެ ބޭފުޅުން] ގެނެސްގެން ކަންތައް ވީ ގޮތެއް ބަލަން. ވަގުތުން ހުށަހަޅާފަ އިން މައްސަލައެއްގަ ވަރަށް ބޮޑު އިހުމާލެއް މީ. ޑިފެންސް މިނިސްޓްރީން މިކަމާ ޒިންމާވާ ބައެއް ތިބިއްޔާ އެބަޔަކު ހާޒިރުކޮށްގެން މައްސަލަ އެބަޖެހޭ ބެލެން،" ނަޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދުގެ ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ.
މައްސަލައިގެ ބަހުސްގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މި މައްސަލައަށް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ބަލާނަމަ، މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.
"މިއީ ނަން ބޯޑުގަ އެއްޗެއް ހަރުކޮށްލުން ކަމުގަ ވިޔަސް، ހަގީގަތުގަ އެއަށް ވުރެ ފުޅާ ދާއިރާ އެއްގަ ވިސްނައިފި ނަމަ މިއީ މަޖިލިސް އިދާރާގެ ސަލާމަތާ އިއްޒަތަށް ކޮންމެ ފަދަ ކަމެއް އަތުވެއްޖިއްޔާ ވެސް ގޮތް ހުސްވެދާނެ ފަދަ ކަމެއް. މިބާވަތުގެ މައްސަލަތައް މަޖިލިސް އިދާރާގަ ހިނގުން ހުއްޓުވުމަށް ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް އަޅުގަނޑު ދެކެން،" ސަނީފް ވިދާޅުވި އެވެ.
މީގެ އިތުރުން މައްސަލަ ހުށަހަޅާފައިވާ ތާރީހު އަދި ފުޓޭޖު ހޯދަން އެދުނު ތާރީހަށް ބަލާނަމަ، ރެކޯޑެއް ނެތިވެގެން ދާނެހާ ދުވަސް އެ ދެމެދުގައި ނެތް ކަން ވެސް ސަނީފް ވަނީ ފާހަގަކުރައްވާފަ އެވެ.













