ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވަން އެޖެންޑާކުރި ޖަލްސާގެ ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ފަށާ ގަޑި، ހެނދުނު 9:00 ވީ އިރު ވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ތަޅުމަށް ވަޑައިގެން ނެތުމުން ޖަލްސާ ބޭއްވެން ނެތްކަން އިއުލާނުކުރެއްވީ ރިޔާސަތު ބަލަހައްޓަވަން މިއަދު ވަޑއިގެންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއް ބޭއްވޭ ކޯރަމަކީ 22 މެމްބަރުންނެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމެވެ. ދައުލަތުގެ ބަޖެޓަށް އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން, މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވީ "ރާއްޖޭގެ މަސް ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރު" ގެ ބަހުސް ވެސް އެޖެންޑާ ކުރި އެވެ.

އަދި, މަޖިލީހުގެ މެމްބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާއި, ޖޭއެއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބަހުސް ވެސް މިއަދުގެ އެޖެންޑާގައި ހިމަނާފައި އޮތެވެ.













