ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު" އަވަސްކުރުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ގޮވާލައިފި އެވެ.
މި މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށި އެއާޕޯޓު އަދި ހދ. މަކުނުދޫގައި ހިނގި ގޭސް ފުޅި ގޮވުމުގެ ހާދިސާއާއި ގުޅިގެން އެމްއެންއޭސީއައި އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ދެ ހާދިސާގެ އެއްގޮތްކަން ބޮޑުވުމުގެ ސަބަބުން އެ ބާވަތުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވުން އުފެދޭކަމަށެވެ.
ބިދޭސީ ކޮންޓްރެކްޓަރަކު މަސައްކަތް ކުރި ކަމުގައި ވިޔަސް، މަސައްކަތް ކުރާ ސައިޓުގެ ރައްކާތެރިކަމާއި، ތަކެތި ގެންގުޅޭ ގޮތް އަދި އަޅާފައި ހުންނަ ސަލާމަތީ ފިޔަވަޅުތައް ދިވެހި ކޮންޓްރެކްޓަރަކު ބަލައި ކަށަވަރުކުރަން ޖެހޭނެ ކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު ބިލް އަވަސްކުރުމަށް ގޮވާލައި، ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ގައިޑްލައިނަށް އަމަލުކުރުމަށް އެމްއެންއޭސީއައި އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ބަޔާނުގައި ވަނީ މަސައްކަތަށް އެންމެ އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމަށް މަސައްކަތްތެރިންނަށް ގޮވާލައި، މަސައްކަތުގެ ސައިޓްތައް ބަލައި ކަންކަން އިސްލާހުކުރުމުގެ ފިޔަވަޅު އެޅުމަށް ދައުލަތަށް ވެސް ގޮވާލާފަ އެވެ.

"އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު" ގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހެވެ. އެއީ މަސައްކަތްތެރިންނަށް ލިބެންޖެހޭ އެތައް ހައްގުތަކެއް ކަށަވަރުކޮށްދީ އެމީހުންނަށް އަނިޔާއެއް ލިބިއްޖެ ހާލަތުގައި އަމަލުކުރާނެ ހުރިހާ އުސޫލުތަކާއި އިޖުރާއަތްތަކެއް ހިމެނޭ ބިލެކެވެ.













