ކުޅުދުއްފުށި އެއާޕޯޓުގައި މިއަދު އެއްޗެއް ގޮވައި ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މިރޭ މާލެ ގެނެސްފި އެވެ.
ފުލުހުން ބުނި ގޮތުގައި މެންދުރު 11:45 ހާއިރު ރިޕޯޓު ކުރި މި ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގަ އެވެ. މި ހާދިސާގައި އަނިޔާ ލިބުނީ ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔަރުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކަށެވެ.
މާލެ ގެނައީ އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިގެން، އެ ހާދިސާ ހިނގި ވަގުތުން ފެށިގެން، ކުއްލި ފަރުވާ ދެމުން އަންނަ މީހާ އެވެ. ހާލަތު ސީރިއަސް ކަން ކަށަވަރު ކޮށްދިނުމުގެ އިތުރަށް އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު މައުލޫމާތެއް މިހާތަނަށް ނުލިބެ އެވެ.
މި ހާދިސާގައި އަނިޔާ ލިބުނު އިތުރު މީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ވެސް އަދި ނުލިބެ އެވެ.













