އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާމުގެ ސަބަބުން ލިބެމުންދާ އަނިޔާތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފަރުޟު ފަސްނަމާދުގައި ޤުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓަރީން އަންގައިފި އެވެ.
މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ރައްތަކުގައި ރޭގަނޑުގެ ނަމާދުތަކަށްފަހު ގުނޫތު ކިޔަން އެންމެ ފުރަތަމަ އެންގީ މި މަހުގެ 11 ގަ އެވެ.
ނަމަވެސް ޔަހޫދީންގެ ހަމަލާތައް ވަރުގަދަވެ، މެދުކެނޑުމެއްނެތުމާއެކު އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ފަރުޟު ފަސްނަމާދުގައިވެސް ގުނޫތު ކިޔަން ހުރިހާ މިސްކިތަކާއި، އެލްޖީއޭ އަދި ރަށާއި އަތޮޅު ކައުންސިލްތަކަށް މިއަދު އަންގާފަ އެވެ.
ދިވެހިންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ދިވެހި ދައުލަތުން ނެރުނު ބަޔާނެއްގައި އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލުގެ ނަމުގައި އިޒްރޭލުން، ވައިގެ މަގުން ދެމުންދާ ހަމަލާތައް ވަނީ އާންމުންގެ ގެތަކަށާއި މިސްކިތްތައް އަދި ހޮސްޕިޓަލުތަކަށްވެސް އަމާޒުވެފަ އެވެ. އެގޮތުން ރޭ ގާޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

މީގެއިތުރުން، ހަމަލާތަކުގެ ތިންވަނަ ދުވަހު އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު ކަނޑާލާ، އެހީއާއި ކާބޯތަކެތި އެތެރެކުރެވެންހުރި ބޯޑަރުތައް ބަންދުކޮށްފަ އެވެ. ގާޒާ އާއި މިސްރާ ދެމެދު އޮންނަ ރަފާހު ބޯޑަރުގައި އެތައް ސަތޭކަ އުޅަނދެއް އެހީ ހިފައިގެން ޖަމާވެފައިވީ ނަމަވެސް އިޒްރޭލުން ވަނީ ބޯޑަރު ހުރަސްކޮށްފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލާ ދެކޮޅަށް ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުން 1،400 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އަދި އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،200 އަށްވުރެ މައްޗަށް އަރައިފަ އެވެ.












