އިޒްރޭލުން ގާޒާގައި މިހާރު ކުރިއަށްގެންދާ ގަތުލުއާންމުގައި ރޭ ހޮސްޕިޓަލަކަށް ދިން ހަމަލާ ކުށްވެރިކުރައްވާ ގާޒާއަށް އަވަސް އިންސާނީ އެހީ ފޯރުކޮށްދޭނެ ގޮތްތަކެއް ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުނިޔެއަށް ގޮވާލައްވައިފި އެވެ.
މި މަހުގެ ހަތްވަނަ ދުވަހު، ފަލަސްތީނުގެ ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކަށްފަހު ހަނގުރާމަ އިއުލާނުކޮށް ފެށި މި ގަތުލްއާމުގައި ރޭ ދިން މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ކަށަވަރެއް ނުވެ އެވެ. ގާޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އެހެން ރިޕޯޓުތަކުން ބުނާ ގޮތުން އެ އަދަދު 900 އާ ގާތްކުރެ އެވެ.
ރައީސް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެ ހަމަލާ ކުށްވެރިކުރެއްވިއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އިޒްރޭލުގެ މި އަމަލަކީ އިންސާނީ މިންގަނޑުތަކާއި ހިލާފު ލާއިންސާނީ ހަމަލާއެއްކަން ފާހަގަކުރައްވާ، ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.
"ހޮސްޕިޓަލުތަކާއި އާންމުންނަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު މުޑުދާރު އަމަލެއް"
ރައީސް، ޝާހިދު އަދި ދިވެހި ދައުލަތުގެ ފަރާތުން ނެރުނު ބަޔާނުގައިވެސް އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. އެގޮތުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
މި މަހު ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ތިންވަނަ ދުވަހު އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު ކަނޑާލާ، އެހީއާއި ކާބޯތަކެތި އެތެރެކުރެވެންހުރި ބޯޑަރުތައް ބަންދުކޮށްފަ އެވެ. ގާޒާ އާއި މިސްރާ ދެމެދު އޮންނަ ރަފާހު ބޯޑަރުގައި އެތައް ސަތޭކަ އުޅަނދެއް އެހީ ހިފައިގެން ޖަމާވެފައިވީ ނަމަވެސް އިޒްރޭލުން ވަނީ ބޯޑަރު ހުރަސްކޮށްފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލާ ދެކޮޅަށް ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުން 1،400 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އަދި އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،200 އަށްވުރެ މައްޗަށް އަރައިފަ އެވެ.
މި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާއަށް އެމެރިކާގެ ރައީސް މިއަދު އިޒްރޭލަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް، އެމެރިކާގެ ފަންޑިން ލިބޭ އިޒްރޭލުން ރޭ ދިން ލާއިންސާނީ ހަމަލާއަށްފަހު އުރުދުންއިން ވަނީ ބައިޑެން އެ ގައުމަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކޮށްފަ އެވެ.
ބައިޑެންގެ ދަތުރު ރޭވިފައި އޮތް ގޮތުން އިޒްރޭލަށް ފަހު އުރުދުންގައި އެ ގައުމުގެ ރަސްގެފާނު އަދި ފަލަސްތީނާއި މިސްރުގެ ރައީސުންނާއެކު ބައްދަލުކުރައްވަން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އަރަބި ގައުމުތަކުން މިހާރު ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމުން ނޫނީ ބައިޑެންއާ އެކު މަޝްވަރާ ނުކުރާނެ ކަމަށް ބުނެފަ އެވެ.












