ފަރުވާއަށް ބޭނުންވާ ކޮންސިއުމަބަލް ސާމާނުގެ ސްޓޮކް މި އަހަރުގެ މިހާތަނަށް ހެލްތު މިނިސްޓްރީން އާކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން އަންނަ މަހުގެ މެދަކާ ހަމައިން ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.
މ. ދިމްޔާތުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ފިރުޒުލް ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ލެބޯރެޓަރީތަކުގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވާއިރު އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.
އެގޮތުން އެ ތަކެއްޗަކީ ކޮންމެ އަހަރަކު ދެ ފަހަރު އަލުން ސްޓޮކް ކުރުމަށް އޯޑާ ކުރާ ތަކެތި ކަމަށާއި ނަމަވެސް މި އަހަރުގެ މިހާތަނަށް އެތަކެތި ސްޓޮކް ކުރުމަށް އޯޑަރުކޮށްފައި ނުވާކަމަށް ވިދާޅުވި އެވެ.
"އޭގެ ސަބަބުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މިހާރު ވެސް ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލުތަކާއި، ސިއްހީ މަރުކަޒުތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާކަން. އަދި ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ މި ހާލަތު މިގޮތަށް ދެމިގެންދާ ނަމަ ނޮވެމްބަރު މަހުގެ މެދަކާ ހަމަޔަށް އަންނައިރު ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކަައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް،" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި، މިހާރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ހިދުމަތްތައް ދެމުން ގެންދަނީ އިމެޖެންސީ ސްޓޮކްގައި ހުރި ސާމާނު ބޭނުންކޮށްގެންނެވެ. މިހާތަނަށް ސާމާނަށް އޯޑަރު ނުކުރީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހި އޮތުމުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗަށް މި އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ހަމަޖައްސައިދީފައި ނުވާކަމަށް ވެސް ފިރުޒުލް ވިދާޅުވި އެެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ހޮސްޕިޓަލުގެ މަރާމާތާއި އެހެން ބައެއް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.
އަދި އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ހިތުގެ އަދި ނާރުގެ ބަލީގެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ބޭރުގެ ކުންފުންޏަށް ފައިސާ ނުދޭތީ ބޮޑު ބިލެއް އެބަ އޮތް ކަމަށާއި އެއީ ޖުމްލަ 5.3 މިލިއަން ޑޮލަރު ކަން ފިރުޒުލް ހާމަކުރެއްވި އެވެ.
"މި ބިލްތައް ނުދައްކައި ހުރުމުގެ ސަބަބުން މި ސެންޓަރުތަކުގެ ހިދުމަތް ވެސް ހުއްޓިދާނެ ކަމީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ފިރުޒުލް ވިދާޅުވި އެވެ.












