ޕާސްޕޯޓް ގެއްލުމުން ކުރާ ޖޫރިމަނާ 2،000ރ. އަށްވުރެ ބޮޑުނުވާ ގޮތަށް ދިިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު އިސްލާހު ކޮށްފި އެވެ.
ޕާސްޕޯޓް ގެއްލިއްޖެނަމަ މީގެ ކުރިން 5،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އެއީ ފުރަތަމަ ފަހަރު ނަމަ 5،000ރ. އިންނެވެ. އަދި ދެވަނަ ފަހަރުނަމަ 10،000ރ. އަދި ތިން ވަނަ ފަހަރުނަމަ 20،000ރ. އިންނެވެ.
ނަމަވެސް, މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު އިސްލާހުކޮށް ޖޫރިމަނާގެ ޢަދަދު ކުޑަކޮށްފައެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައ،ި ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރ،ު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޕޮލިސް ރިޕޯޓަކާ ނުލައި އައު ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެކަމަށާއި، ޖޫރިމަނާ ކުރުމަކާނުލައި ޕާސްޕޯޓު އާ ކޮށްދޭނެ އެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން ޕާސްޕޯޓުގެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތް ނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ފުރާއިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރާނެ އެވެ.

އޭގެ އިތުރުން ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހެޅުމުގައި ދޮގު މައުލޫމާތު ދިނުމާއި ސައްހަ ލިޔުމަށް ބަދަލު ގެނެސް ނުވަތަ ނަކަލު ކޮށްގެން ހުށަހަޅައިފި ނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނަށް ހިދުމަތް ހޯދުމަށް ހާޒިރުވެ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކޮށްފިނަމަ ހިދުމަތް ނުދިނުމުގެ އިހްތިޔާރާއި، 2000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށް ގަވައިދުގައިވެއެވެ.













