ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަޑުއެހުން ލަސްކުރަން އެދުނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ރޭވުމަކުން ކަމަށް، ޔާމީނުގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ތުހުމަތު އެ އޮފީހުން ދޮގުކޮށްފި އެވެ.
ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލާގައި އިއްޔެ މެންދުރުފަހު 2:00 އަށް ތާވަލުކޮށްފައި އޮތް ހައި ކޯޓުގެ އަޑުއެހުން ކެންސަލްކުރީ ދައުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
އަޑު އެހުން ކެންސަލް ކުރުމާއި ގުޅިގެން ޑރ. ޖަމީލުވަނީ ނުރުހުން ފާޅުކޮށް، އެއީ ޕީޖީން ރާވައިގެން ކުރާކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
"ނިމުމެއް ނެތް އަނިޔާއަކަށް މިކަން ވެއްޖެ. މިއީ ސަމާސާއަކަށްވެ އަދުލު އިންސާފަށް ޕީޖީ ހުރަސްއަޅާއިރު، ޝަރުއީ ކޯޓުތައް މިކަންތައް ތަހައްމަލުކުރަނީ ކިހާ މިންވަރަކަށްތޯ؟ ޕީޖީގެ މައްޗަށް ފިޔަވަޅު ނައަޅަނީ ކީއްވެތޯ؟،" ފޭސްބުކްގައި ޖަމީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މި ތުހުމަތާއި ގުޅިގެން ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު 'އަދަދު'އަށް ވިދާޅުވީ، ރައީސް ޔާމީނުގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކުރަން ޕީޖީގެ ފަރާތުން ކޯޓަށް ހުށަހެޅީ، ދައުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭން ޑޮކްޓަރުންގެ ލިޔުމާއި މެޑިކަލް ޑޮކިއުމެންޓްސް ވެސް ކޯޓަށް ހުށަހަޅާފައިވާކަން ފާހަގަކުރެއްވި އެވެ.

"އެ ލިޔުންތައް ބައްލަވާފަ، އެއީ އަޑުއެހުން ލަސްކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ކަމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަނެ، ހުއްދަ ދެއްވީމަ އަޑުއެހުން ލަސްވީ،" ޝަފީއު ވިދާޅުވި އެވެ.
ވަކީލުން ބަލިވުމަކީ ގަސްތުގަ ކުރިކަމެއް ކަމުގައި ޑރ. ޖަމީލް ތުހުމަތު ކުރައްވާނަމަ އެކަމަށް ދެއްވާނޭ ޖަވާބެއް ނެތް ކަމުގައި ޝަފީއު ވިދާޅުވި އެވެ.
ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަން ސާބިތުވެގެންނެވެ.
މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވިކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.
ރައީސް ޔާމީން މާފުށީ ޖަލުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. އިންތިހާބަށްފަހު މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ ރައީސް ޔާމީނު ގޭބަންދަށް ބަދަލުކުރުމަށެވެ.
އިންތިހާބީ ރައީސް މުއިއްޒު އެ ގޮތަށް ގޮވާލެއްވުމާއެކު ސަރުކާރުން ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ކަރެކްޝަނަލް ސަރވިސްއިން ބުނީ އެމަނިކުފާނު ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއް އޮތުމުން ކަމަށެވެ.













