ހުލާސާކޮށް އިއްޔެ: ޑރ. މުއިއްޒުގެ ތާރީހީ މޮޅު

Oct 1, 2023, 2:40 AM
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސައިން އަބްދުއްލަތީފު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސައިން އަބްދުއްލަތީފު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ވެސް ކާމިޔާބު ކުރައްވައި، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ތާރީހީ ބޮޑު މޮޅެއް ހޯއްދެވި އެވެ.

އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެ ފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

ދެ ވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 54 ޕަސެންޓުންނެވެ. އެއީ 127,000 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ސޯލިހުއަށް 108,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

Advertisement

އިންތިހާބު ނިމިގެން ދިޔައީ މާ ބޮޑެތި ހަމަނުޖެހުމެއް ނެތި އޮމާންކަމާއެކު އެވެ. އެހެން ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ވަގުތު އިތުރު ކުރި ނަމަވެސް، މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އަދި ދެ ވަނަ ބުރުގައި ވެސް ވޯޓުލުމަށް ކަނޑައަޅާފައި އޮތް ގަޑިއަށް ވަގުތު އިތުރެއް ނުކުރެ އެވެ.

އިއްޔެގެ އިންތިހާބުގައި އެންމެ ބޮޑު މައްސަލައަކަށް ޖެހުނީ ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި މީހަކު ވަދެ ބިންމައްޗަށް ޖަހައި ފަޅާލުމެވެ. އެ މީހާ ވަގުތުން ހައްޔަރުކުރި އެވެ. އެ ވޯޓުފޮށްޓަށް ގެއްލުން ދިނީ ވޯޓުލުން ބަންދުކުރި ފަހުންނެވެ.

ޑރ. މުއިއްޒުއަކީ ކޮން ބޭފުޅެއް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެ ޕާޓީގައި އުޅުއްވަނިކޮށް، ފެބްރުއަރީ 7, 2012 ގައި އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ އުފެދުނު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމު އެމަނިކުފާނު އަދާކުރެއްވެވި އެވެ.

އުމުރުފުޅުން 45 އަހަރުގެ މުއިއްޒު އުފަންވެވަޑައިގަތީ ޖޫން 15، 1978 ގަ އެވެ. މުއިއްޒު އާއި މއ. ބާބުލްއަވާލީ ސާޖިދާ މުހައްމަދުއާ ކައިވެނި ބައްލަވައިގެން ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ހއ. ވަށަފަރަށް ނިސްބަތްވެ ވަޑައިގަންނަވާ މުއިއްޒު މާލޭން ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ސްޓްރަކްޗާ އިންޖިނިއަރިން ދާއިރާއިން ޑިގްރީ، ސިވިލް އިންޖިނިއަރިން ދާއިރާއިން މާސްޓާޒް އަދި ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވި އެވެ. ޕީއެޗްޑީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އިންނެވެ.

ދެހާސް އަށާރައިގައި އުފެދުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރުކަން އަދާކުރެއްވީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމުގެ ކުރިން އެމްޑީއޭއިން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.

ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގެވި މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭ ބްރިޖު، ރަސްފަންނު، ސަލްޓަން ޕާކް އަދި މާލޭގެ އެހެން ޕާކުތައް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތްކަމުގައިވާ "ކިންގް ސަލްމާން މިސްކިތް" ހިމެނެ އެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތަށް ބަލާއިރު، ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވެވި އެވެ. އެ ޕާޓީން އޭނާ ވަކިވެވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައަޅައިފި ހާލަތެއްގައި، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓެއް ނެރުމަށް ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުއާ ވާދަ ކުރައްވައި އެ ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވި އެވެ.

ސިޔާސީ ހަޔާތްޕުޅުގައި މުއިއްޒަށް ގޮންޖެހުންތައް ގިނަ އެވެ. މޭޔަރު ކަމަށް ހޮވިވަޑައިގަތުމަށް ފަހު، ޕާޓީގެ ބައެއް ފަރާތްތަކުގެ އުނދަގޫ މުއިއްޒު ތަހައްމަލު ކުރެއްވެވި އެވެ. ފަހަކަށް އައިސް ކައުންސިލްގެ ޖަލްސާތައް ހުއްޓުވަން މަސައްކަތް ކުރެއްވެވި އެވެ. މޭޔަރަށް ހުރި ބާރުތައް ހަނިކުރަން މަސައްކަތް ކުރެއްވެވި އެވެ. އަދި ވެރިކަމަށް ޝައުގުވެރިކަން ހުރި ކަމަށް ކުރެވެމުން ދިޔަ ޝައްކާއެކު، އާންމުންގެ ކުރިމަތީގައި މުއިއްޒު އެކަން ދޮގު ކުރެއްވުމަށް މަޖިބޫރުވި އެވެ.

ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލި ނަމަވެސް ސާބިތު ނުވެ ސަލާމަތްވި އެވެ. މި ހުރިހާ ކަމެއް ތަޖުރިބާ ކުރެއްވުމަށް ފަހު ޕީއެންސީގެ ޓިކެޓުގައި މުއިއްޒު ނުކުމެވަޑައިގެން އެ ހުންނެވީ ރިޔާސީ އިންތިހާބަށެވެ.

މުހިންމު ބައެއް ލިޔުން

އިންތިހާބުގެ ފުލްކަވަރޭޖާއި ނަތީޖާ

އަދަދުގެ ވެބްސައިޓުން އިންތިހާބުގެ ދެ ބުރުގެ ނަތީޖާ ވެސް، އަދި ވަކިވަކި ފޮށިތަކުގެ ނަތީޖާ ވެސް ބަލާލެވެމެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox