ތިލަފުށީ ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާއިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ތެޔޮ ބޯޓު ތިލަފުށީ ފަޅު ތެރޭގައި އޮއްވާ ކަމަށާއި، އޭގައި ހުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.
މަންޒަރު ދުށް މީހަކު "އަދަދު"އަށް ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ތިލަފުށިން ތެޔޮ ބަރާކޮށްގެން ނިކުތް ތެޔޮ ދޯންޏެއްގައި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ''ވާލިޔާ 7'' ނަމަކަށް ކިޔާ ތެޔޮ ދޯންޏެއްގައި ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވީ 20،000 ލީޓަރު ޕެޓްރޯލް ބަރުކޮށްގެން އިންޖީން ސްޓާޓް ކޮށްލި ވަގުތު ސްޕާކެއް ވެގެން ކަމަށެވެ.
ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ތިން ފަޅުވެރިންނެވެ. އޭގެ ތެރެއިން ކެޕްޓަންގެ އަތާއި މޫނު ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަަމށް ވެއެވެ.

އަލިފާން ހިފި ދޯނި މިހާރު ވަނީ އަޑިއަށް ގޮސްފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. މިހާރު އަލިފާން ރޯވި ދޯނި ތިލަފުށީ ފަޅުން ނެރެފައިވާކަމަށް ވެސް ބުންޏެވެ.













