ވަޒީފާގައި އަދާކުރާ ފަރާތްތަކުން ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ، 10 އަހަރަށް ފަހު ނެގޭ ގޮތް ހަދައިފި ނަމަ އެ ބިޔަ ފަންޑު ބަނގުރޫޓުވެ، ފައިސާ ގެއްލިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު މިރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ތާއިދު ހޯއްދެވުމަށް ރައީސް ސޯލިހު މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި އިޔާދު ވިދާޅުވީ ކިރިޔާވެސް އިގުތިސޯދީ ހޭލުންތެރިކަމެއް ހުރި ނަމަ ޕެންޝަން ފަންޑަކީ އަމިއްލަ ބޭންކު އެކައުންޓު ގޮތަށް އިރުއިރުކޮޅާ ފައިސާ ނަގާ ފަންޑަކަށް ނުހަދާނެ ކަމަށެވެ.
"މި ވައުދުން އެކަނި ވެސް އެނގޭ ޑރ. މުއިއްޒަކީ ރާއްޖޭގެ އިގުތިސޯދު މެނޭޖުކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫންކަން،" އިޔާދު ވިދާޅުވި އެވެ.
މުއިއްޒު ކެމްޕޭނުގައި މިދިޔަ ހަފުތާގައި އދ. މަހިބަދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވިދާޅުވީ ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ 10 އަހަރު ފަހުން ނެގޭ ގޮތަށް ބަދަލު ގެނައުމުގެ އިތުރުން، ފަންޑު ދެމެހެއްޓުމުގެ ގޮތުން ޕްރައިވެޓް ސެކްޓާ އާއި ޓޫރިޒަމް ސެކްޓާއަށް އިންވެސްޓުކުރަން ފަންޑު ފުޅާކުރާނެ ކަމަށެވެ.
މިހާރު ޕެންޝަން ފަންޑުގެ ފައިދާ ލިބެން ފަށާނީ ވަޒީފާއިން މުސްކުޅި ކުރާ ހިސާބުންނެވެ. ނަމަވެސް، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ މިހާރު ހައްޖަށް ފައިސާ ދެއްކުމަށާއި، ބޯހިޔާވަހިކަން ހޯދަން ނެގެ އެވެ.

މުއިއްޒު ވިދާޅުވީ މިކަންކަމުން އެކަނި ރައްޔިތުންނަށް އެ ފަންޑުން އެންމެ އެދެވޭ މަންފާ ނުލިބޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ 65 އަހަރު ވުމުން ނުވަތަ 55 އަހަރު ވުމުން ރިޓަޔާ ކުރާ އިރު އެކަށީގެންވާ ވަރަށް ޕެންޝަން ފަންޑުގައި ފައިސާ ހުރެއްޖެ ނަމަ އެ ލިބޭ އެއްޗެއް ލިބުނު ނަމަވެސް އުމުރުގެ 30، 40 އަހަރު މަސައްކަތް ކޮށްފައި އެ ލިބޭ ފައިސާއިން ލިބެން ޖެހޭ ހިތްހަަމަޖެހުން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.
ޕެންޝަން ފަންޑުގައި މިހާރު 20 ބިލިއަން ރުފިޔާ ހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ މި ސިޔާސަތަށް ފާޑުވިދާޅުވުމަށް ފަހު އިޔާދު ވިދާޅުވީ ރައީސް ސޯލިހުގެ އިގުތިސޯދީ ލީޑަޝިޕު ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެންމެ ބާރަށް ކުރިއަރާ އިގުތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އެހެންވެ، އިގުތިސޯދުގެ ހުންގާނު ދޫކޮށްލާނީ ޓެސްޓުކޮށް، އިތުބާރު ލިބިފައިވާ ރައީސް ސޯލިހަށްތޯ، ނުވަތަ ޕެންޝަން ފަންޑު ބަންގުރޫޓުވުމާއި މުޅި ރާއްޖެ ބަނގުރޫޓު ވުމާ ދިމާލަށް ސިޔާސަތު އެކުލަވާލާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަށްތޯ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް މިނިސްޓްރީއަށް ފާޑުކިޔުން
މުއިއްޒު ހާމަކުރެއްވި ދެކޮޅު ނުޖެހޭ އަނެއް ސިޔާސަތަކީ ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުން ކަމަށާއި އެ ދައްކަނީ އަނެއްކާ ވެސް އެޓޯލްސް މިނިސްޓްރީ އުފައްދާ ވާހަކަ ކަމަށް އިޔާދު ވިދާޅުވި އެވެ. އައްޑޫ، ކުޅުދުއްފުށި، ފުވައްމުލަކު، ތިނަދޫ އަދި މުޅި ރާއްޖޭގެ ރައްޔިތުން މި ކަމަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޓޯލްސް މިނިސްޓްރީގެ ދަށަށް ގޮސް އެޓޯލްސް މިނިސްޓްރީގައި އާދޭސްކޮށްގެން ނޫނީ ކަމެއް ނުކުރެވޭ ހާލަތަށް ދާންތޯ އަޅުގަނޑުމެން ބޭނުންވަނީ. ނޫން، ނޫން، އެގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން،" އިޔާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައީސް އިބޫއާއެކު ކުރިއަށް ދާން. ވިހި، ފަންސަވީސް އަހަރުގެ ފަހަތަށް ދާކަށް ނޫން ބޭނުންވަނީ."
ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަންފީޒުކުރަމުން ދާއިރު، ބާރުތައް އެއްތަން ކުރެވޭ ގޮތަށް ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުމަށް މުއިއްޒު ނިންމަވާފައިވާތީ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.











