ރަައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީއިން އެދެމުންދާ ގޮތަށް މި މަހުގެ 25 ގައި ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމު އަލުން ކަނޑައެޅުމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ދެކޮޅު ހައްދަވާ ކަމަށާއި ބަރުލަމާނީ ނިޒާމު މާ ނުބައިވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމިކަން އިއުލާން ކުރެއްވުމަށްފަހު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން އެއީ [ނިޒާމީ ވޯޓަކަށް ދިއުން]، ނިޒާމީ ވޯޓެއް ނެގުން އެއީ ރައްޔިތުންނަށް ފައިދާހުރި ކަމެއްނޫން، ބަރުލަމާނީ ނިޒާމެއް ގެނެސިއްޔާ މިއަށްވުރެ މާ ނުބައިވާނެ، ރައްޔިތުންނަށް މާ ނިކަމެތިވާނެ" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެހެން ވިދާޅުވި ސަބަބެއް ގާސިމް ތަފުސީލެއް ނުކުރައްވަ އެވެ. ނަޝީދާއި ޑިމޮކްރެޓްސްގެ ސަޕޯޓަރުން ދެކޭ ގޮތުގައި ކޯލިޝަނަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ.
ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ކަމަކީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ.

އަދި, އެކަމުގެ މަޝްވަރާއަށް ޖަލުގައި ހުންނެވި ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަޝްވަރާކުރެއްވުމަށް މާދަމާ ވަޑައިގަންނަވާނެ ކަމަށްވެސް މިއަދު ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީނު އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 25 ސެޕްޓެމްބަރު ދުވަހުގެ ކުރީގައި އެ ވޯޓު ނެންގެވުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި، އަޅުގަނޑުމެންނަށް އެ ކަމުގައި އެހީތެރިވެވޭނެ ގޮތެއް އޮތް ނަމަ އެ ވާހަކައަކާ،" ނަޝީދު ވިދާޅުވި އެވެ.
އެންމެ ފުރަތަމަ 2007 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައިރު ނަޝީދު އަދި އޭރު އެމަނިކުފާނު ލީޑުކުރެއްވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭރު ޔާމީނު ވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި އެވެ.
ރައީސް ސޯލިހާއި ނަޝީދާ އުފެދުނު އެއް ހިޔާލު ތަފާތުވުމަކީ ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ. ރައީސް ސޯލިހާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން މިހާރު ބޭނުންވަނީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ.
ޔާމީނު ވެސް އެންމެ ފަހުން ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމުގެ ނަޒަރިއްޔާތަަށް ތާއީދު ކުރެއްވި ނަމަވެސް، ރާއްޖޭގެ ހާލަތަށް ވިސްނަވާއިރު އެމަނިކުފާނަށް ބުރަވެވެން އޮތީ ރިޔާސީ ނިޒާމު ބޭއްވުމަށް ކަމަށެވެ.











