އިންޑޮނޭޝިއާއިން ދިވެހި ރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ، "މުތާ ކޮރަލް" ނަމަކަށް ކިޔާ ޓަގު ބޯޓުގެ ފަހަތުގައި އޮތް ބާޖުގައި ހާލުގައި ޖެހިފައި ތިބި ބަޔަކު ތިބިކަން އެ އިދާރާއަށް ރިޕޯޓުކުރީ ޓަގު ބޯޓުގެ ފަޅުވެރިން ކަމަށެވެ.
އެގޮތުން ބާޖުގައި 12 މީހުން ތިބިކަމަށާއި، އެ މީހުންނަކީ މަސްވެރިންކަންކުރާ ބޭރުގެ އުޅަނދެއްގައި މަސައްކަތްކުރާ ބައެއްކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ 12 މީހުން ބާޖަށް އެރީ ރޭގަނޑުގެ ވަގުތުގައި އައި ކޮޅިގަނޑެއްގައި އެމީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓާއި ބާޖު ޖެހުމުގެ ތެރޭގައި މަސް ބޯޓް ހަލާކުވެ، އަޑިއަށް ދިއުމުން ކަމަށް އެ މީހުން ބުނާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ރާއްޖެއާއި ގާތްގަނޑަކަށް 140 މޭލު ބޭރުން ކަމަށެވެ. އަދި އެ 12 މަސްވެރިން މާލެގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެ އެވެ.

އެމްއެންޑީއެފުން އަންނަނީ ކަމާބެހޭ އެހެން އިދާރާތަކާއި ގުޅިގެން މި ހާދިސާ ހިނގައިދިޔަ ގޮތް އިތުރަށް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.












