ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެހެން ގައުމެއްގެ ސިފައިން، އަސްކަރީ ރޯލެއް އަދާކުރުމަށް ނުތިބޭނެ ކަމަށް ސިފައިންގެ ގިނަ ޖެނެރަލުން މިރޭ ދައުލަތުގެ މީޑިއާއަށް ދެއްވި ސިލްސިލާ އިންޓަވިއުތަކެއްގައި ވިދާޅުވެއްޖެ އެވެ.
މިރޭގެ ދައުލަތުގެ މީޑިއާއިން ފުރަތަމަ ގެނެސްދިނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިންޓަވިއު އެވެ. ޝަމާލް އެންމެ ބޮޑަށް ފާހަގަކުރެއްވީ ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ނުވަތަ ސަރަހައްދެއްވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ސިފައިންގެ ފަރާތުން ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް، މިލިޓަރީ އެއްވެސް މަރުކަޒެއް ނުހުންނާނޭ، އަދި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިމަގުގައިވެސް އެ ފުރުސަތެއް އެއްވެސް ބަޔަކު ނުދޭނެ"
ޝަމާލްގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، މޭޖާ ޖެނެރަލް ވައިސް ވަހީދާއި މޭޖާ ޖެނެރަލް ހާމިދު ޝަފީގު، ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ، ބްރިގޭޑިއާ ޖެނެރަލް ޑރ. އަލީ ޝާހިދު މުހައްމަދު، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް، ބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ރަޝީދު ވަނީ މިރޭ ޕީއެސްއެމަށް އިންޓަވިއު ދެއްވާފަ އެވެ.
ހުރިހާ ޖެނެރަލުންވެސް މައިގަނޑު ގޮތެއްގައި ރައްޔިތުންނަށް ދިނީ 'އަސްކަރީ ބޭނުމަކަށް' ރާއްޖޭގައި ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމުގެ ޔަގީންކަމެވެ. އަދި ރާއްޖޭގައި ހިނގާ އަސްކަރީ ތަމްރީނުތަކަކީވެސް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހިންގޭ ހަރަކާތްތައްކަންވެސް ޖެނެރަލުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އަދި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓުގެ އޮޕަރޭޓުކުރުމަށް ތިބި އިންޑިއާގެ ސިފައިން ތިބީ 'ހިއުމަނިޓޭރިއަން' މަސައްކަތުގައި ކަމަށާއި އެމީހުންގެ އޮޕަރޭޝަންތައް ހިނގަނީ ދިވެހި ސިފައިންގެ ފުރިހަމަ ކޮމާންޑުގެ ދަށުން ކަމަށްވެސް ޖެނެރަލުން ވިދާޅުވި އެވެ.
ސިފައިންގެ ފަރާތުން މިރޭ މިކަންކަން ސާފުކޮށްދިންއިރު، ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭގޮތަށް ބޭރުގެ ފަރާތްތަކަށް އަސްކަރީ ބާރުތަކެއް ސަރުކާރުން ދޫކޮށްލާފައިވާކަމަށް އިދިކޮޅުފަރާތްތަކުން ދިޔައީ ތުހުމަތުކުރަމުންނެވެ.












