ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ނުވަތަ ސަރަހައްދެއްވެސް ރާއްޖޭގައި ނުހުންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ޝަމާލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިރޭ ދެއްވި ހާއްސަ ބަސްތީގަތުމެއްގަ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޝަމާލް މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި ދިވެހި ސިފައިންގެ ކޮންޓްރޯލް ނުހިނގާ މަރުކަޒުތަކާއި ސަރަހައްދުތައް ހުރިކަށާއި އަދި ދިވެހިރާއްޖޭގެ ކޮންޓްރޯލް ނުހިނގާ ގޮތަށް ބައެއް އޮޕަރޭޝަންތައް ހިނގާ ކަމަށް ބުނެ އިދިކޮޅު އެކި ފަރާތްތަކުން ކުރަމުންދާ ތުހުމަތު ތަކަށެވެ.
އެގޮތުން ރާއްޖޭގައި މިހާރު އޮތް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓުގެ އޮޕަރޭޝަންތައްވެސް އޭނާ އޮޅުންފިލުވައިދެއްވި އެވެ. ވިދާޅުވީ އެއީ ދިވެހި އަސްކަރިއްޔާގެ ކޮމާންޑާއި ކޮންޓްރޯލްގެ ދަށުން 'ސާޗް އެންޑް ރެސްކިއު' އަދި 'މެޑިކަލް އެވެކުއޭޝަން' ތަކަށް ބޭނުންކުރާ އުޅަނދުތައް ކަމަށެވެ.
"އަޅުގަނޑުމެން ސިފައިންގެ ފަރާތުން ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް، މިލިޓަރީ އެއްވެސް މަރުކަޒެއް ނުހުންނާނޭ، އަދި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިމަގުގައިވެސް އެ ފުރުސަތެއް އެއްވެސް ބަޔަކު ނުދޭނެ"

އެކި ފަހަރުމަތިން، ސިޔާސީ ގޮތުން ސަރުކާރާ އިދިކޮޅު އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކަށް ރައްދުދެއްވާ ޝަމާލް ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް ބޭރު ގައުމެއްގެ އަސްކަރީ ބޭސްއެއް، ނުވަތަ ފެސިލިޓީއެއް، ނުވަތަ ބޭރު ގައުމެއްގެ ބަޔަކު [ދިވެހި] ސިފައިންގެ ކޮންޓްރޯލެއް ނެތި ހިންގާ ފެސިލިޓީއެއް ރާއްޖޭގައި ނެތްކަން އަޅުގަނޑު ފާހަގަކުރަން"
ޝަމާލް ގެ އިންޓަވިއުގައި އިތުރަށް ފާހަގަކުރެއްވީ، އިދިކޮޅުން އެންމެ ބޮޑަށް ފާޑުކިޔާ އުތުރު ތިލަފަޅުވެސް އޮތީ ދިވެހި ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެތަނުގައި އެކި މަސައްކަތްތައް ކުރަނީ 'ކޮމާޝަލް' ފަރާތްތަކުން ކަމަށެވެ.
ސިފައިންގެ ފަރާތުން މިރޭ މިކަންކަން ސާފުކޮށްދިންއިރު، ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭގޮތަށް ބޭރުގެ ފަރާތްތަކަށް އަސްކަރީ ބާރުތަކެއް ސަރުކާރުން ދޫކޮށްލާފައިވާކަމަށް އިދިކޮޅުފަރާތްތަކުން ދިޔައީ ތުހުމަތުކުރަމުންނެވެ.












