އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލު ހޯލުގައި ބަހައްޓާފައި ހުރި ވޯޓުފޮއްޓަކަށް ލާފައި ހުރި ވޯޓުތަކެއް ބާތިލު ކަމަށް އެތަނުގައި ތިބި އިލެކްޝަންސްގެ އޮފިޝަލުން ކަނޑައެޅީ ގޯސްކޮށް ކަމަށް ބުނެ އެތަނުގައި ހަމަނުޖެހުން އުފެދިއްޖެ އެވެ.
އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ހުރި ހިތަދޫގެ 11 އަދި 12 ވަނަ ފޮއްޓަށް ލާފައި ހުރި ވޯޓުތަކެއް ބާތިލު ކަމަށް ކަނޑައެޅުމުން އެކަމާ އެތަނުގައި ތިބި އެމްޑީޕީގެ އޮބްޒާވަރުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެހެންވެ، އެ މީހުންނަށް ކައިރިން އެ ވޯޓުތައް ދައްކާފައި ވެސް ވެ އެވެ.
އެތަނުގައި ހުރި އަދަދުގެ ނޫސްވެރިޔާ ބުނި ގޮތުގައި އެ ވޯޓުތައް ބާތިލު ކަމަށް ކަނޑައެޅީ ގޯސްކޮށް ކަމަށް ބުނެ އެއްވެފައި ތިބި ބައެއް މީހުން ވަނީ އަޑުގަދަކޮށް ޒުވާބުކޮށް އެތަނުގެ ހަމަޖެހުން ނަގާލައިފަ އެވެ.
އޭގެ އިތުރުން، އެތަނުގައި އެމްޑީޕީގެ ސަޕޯޓަރަކު ފޮޓޯއެއް ނެގުމުން އެ ފޮޓޯ ޑިލީޓަރު ކުރާށޭ ބުނެ ޕީޕީއެމްގެ ބަޔަކާ ދެމެދު ޒުވާބުކޮށްފައިވެ އެވެ.
އެހެންނަމަވެސް، އީސީގެ އޮފިޝަލުން ވަނީ ވޯޓު ގުނުން އަލުން ފަށައި ބާތިލު ވޯޓުތަކުގެ މައްސަލަތައް ފަހުން ބަލަން ނިންމައިފަ އެވެ.

އަދަދުއަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ފެނުމުގައި އީސީން ބާތިލު ކުރި ވޯޓުތަކުގައި އިތުރަށް އެއްޗެއް ކުރަހާފައި ނެތެވެ. ބެލެވޭ ގޮތުގައި ދެބަސްވުން އުފެދިފައި ވަނީ ވޯޓުގައި ފާހަގަޖަހާފައި ހުރި ގޮތުންނެވެ.













