ރިޔާސީ އިންތިހާބަށް ޔޫއޭއީގައި ވޯޓު ލާން ފަށައިފި އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓީ ފަސް ގައުމެއްގަ އެވެ. އޭގެ ތެރެއިން ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ވޯޓު ލާން ފެށީ ރާއްޖޭ ގަޑިން 8:00 ގަ އެވެ.
ނަމަވެސް ޔޫއޭއީގައި ވޯޓު ލާން ފެށީ ރާއްޖޭ ގަޑިން ހެނދުނު 10:00 ގަ އެވެެ. މި ވޯޓު ފޮށި ބަހައްޓާފައި ވަނީ އަބޫ ދާބީގަ އެވެ.
މި ވޯޓު ފޮށްޓަށް 171 މީހަކު ވޯޓު ލާން ރަޖިސްޓަރީ ކޮށްފައި ވެ އެވެ.
ވޯޓުފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަވީރު 4:00 އެވެ. ނަމަވެސް ގަޑިޖެހޭއިރު ކިއުގައި ބަޔަކު ތިބި ނަމަ އެ ވޯޓު ފޮށި ބަންދުކުރާނީ އެ ވަގުތު ތިބި މީހުންނަށް ވޯޓު ލާން ފުރުސަތު ދިނުމަށް ފަހުގަ އެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރުމަށްފަހު 30 މިނެޓު ފަހުންނެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބޭއިރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.














