ރޭ ފަތިހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ވެގަ ޕޮއިންޓް ފިހާރައިގައި ހުރި ހުރިހާ މުދަލެއް އެއްކޮށް އަނދައި އަޅިއަށްވިއިރު، ކައިރި ޕާކުކޮށްފައި ހުރި 15 ސައިކަލު ވެސް އަނދައިފި އެވެ.
ގަލޮޅު ރަތްވިލާ ގޯޅީގައި ހުންނަ ވެގަ ޕޮއިންޓު ފިހާރައިގައި އަލިފާން ރޯވެފައި ވަނީ ރޭ ފަތިހު 4:30 ހާއިރު އެވެ. އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާއިރު އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ 4:37 ގައި ކަމަށެވެ.
އަދި ރިޕޯޓު ލިބުމާއެކު ސިފައިން ގޮސް އަލިފާން ނިވުމުގެ މަސައްކަތް ފެށި ކަމަށާއި 6:40 ހާއިރު އެ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި އަލިފާންގަނޑު ނިއްވާލެވުނު އިރު ފިހާރަ ވަނީ އެެއްކޮށް އަނދައިފަ އެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ފިހާރައިގެ ހުރިހާ މުދަލެއް އަނދައި އަޅިއަށްވެފައިވާ ކަމަށާއި އަލިފާނުގެ ސަބަބުން ފިހާރަ ކުރިމަތީގައި ހުރި 15 ސައިކަލު ވެސް އަނދާފައިވާ ކަމަށެވެ.
އެ އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެ އަލިފާނުގައި އެ ފިހާރައިގެ ބިތްދޮށުން ހުރި ގެ ވެސް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.














