މާލެ ސަރަހައްދުގައި ސިއްހީ ނިޒާމު ރަނގަޅުކުރުމަށް ޓަކައި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފި އެެވެ.
ކާނިވާ ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އާއްމުކުރި "އުފާވެރި މާލެ" މެނިފެސްޓޯގައި ވައުދުވެފައި ވާ ގޮތުގައި އެ ދެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން ވެސް މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ އެވެ. ވިލިމާލެ ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާދޭ ފެސިލިޓީއެއް ވިލިމާލޭގައި ގާއިމް ކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.
މާލެ ސަރަހައްދުގެ ވައިފެން ހެޔޮކުރުމަށް ޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަން އެ މެނިފެސްޓޯގައި އެބަ އޮތެވެ. އަޑިއަށް މޫލައި ހެދޭ، ރާއްޖޭގެ މާހައުލާ ގުޅޭ ގަސްތަކުން މަލަަމަތި ޒީނަތްތެރިކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ފެހިކަން އިތުރުކުރުމަށް ޓަކައި ގްރީން ސްޕޭސް އަދި ޕޮކެޓް ޕާކްތައް ތަރައްގީ ކުރަން ވެސް އެ މެނިފެސްޓޯގައި އެބަ އޮތެވެ.
އިތުރު ވައުދު
- މާލޭ ސަރަހައްދުގައި ފެންވަރު ރަނގަޅު ޗައިޑް ކެއާ ތައާރަފުކުރުން
- ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ތިބުމަށް އެހީތެރިވެ ދިނުމަށާއި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ތަފާތު ހިދުމަތްތައް ފޯރުކޮށް ދިނުމަށް ދޮށީ އުމުރުގެ މީހުންނަށް މަރުކަޒުތައް، ކްލަބު ގާއިމުކުރުން. މި ސެންޓަރުތައް މެދުވެރިކޮށް ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދީ ޑްރޮޕްއިން ހިދުމަތް ގާއިމުކޮށް، އިޖުތިމާއީ ބައިވެތރިވުން އިތުރުކޮށްދީ، އެ ފަރާތްތަކަށް ލިބިފައިވާ އިލްމާއި ހިލްމާއި ހުނަރު އެކި ޖީލުތަކަށް ހިއްސާ ކުރެވޭނެ ފުރުސަތު ހޯދައިދެވޭނެ. އަދި ގަވާއިދުން ހެލްތު ސްރީނިން ހެދި ދުޅަހެޔޮ ކަމާއި ހަށިހެޔޮ ކަމަށް ބާރު އެޅި ސައިކޮސޯޝަލް ސަޕޯޓު ދެވޭނެހެން ފަރުމާކުރެވޭ ޕްރޮގްރާމުތައް ހިންގޭނެ
- ވިލިމާލޭ ބީޗް ސަރަހައްދަކީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް އެންމެނަށް ބޭނުންތެރި ހުސްވަގުތުގައި ބޭނުން ހިފޭ ގޮތަށް ތަރައްގީ ކުރެވޭނެ ތަނަކަށް ހަދާ އެތަނުގައި ބީޗް ހަޓު، ޗޭންޖިންގ ރޫމު އަދި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުން
- ޕެޓް ރަޖިސްޓަކުރުމާއި އައިދޭންޓިފައި ކުރެވޭ އުސޫލެއް ގާއިމު ކުރުން. މިއާއެކު ކެޓް ޝެލްޓަރެއް، ވެޓް ކްލިނިކްގެ ހިދުމަތާއެކު ގާއިމުކޮށް އާންމު ސިއްހަތު ރައްކާތެރިކޮށް މާލޭ މަގުތައް ސާފުތާހިރު ކުރުން














