ޖުމްހޫރީ ޕާޓީއަކީ ކުޑަ ޕާޓީއެއް ކަމަށް ބަޔަކު ގަބޫލު ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީ ހެދި ޖޭޕީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އެޕާޓީ އަކީ ކުޑަ ޕާޓީއެއް ނޫންކަން ފެނިގެން ދިޔައީ ޕާޓީ އުފެދުނުތާ މަހެއްހާ ދުވަސް ފަހުން ބޭއްވި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ކަމަށެވެ.
ޖުމްހޫރީ ޕާޓީ އަލަށް އުފައްދައިގެން ކެމްޕޭނުކުރުމަށް ލިބުނު މަސް ދުވަހެއްހާ މުއްދަތުގައި، އަތޮޅުތެރޭ ރައްރަށަށް ވަޑައިގެން ކެމްޕޭން ކުރުމަށް ފަހު އިންތިހާބުގައި ވާދަކުރި އިރު ދެން ވާދަކުރީ ޖުމްހޫރީ ޕާޓީއަށްވުރެ ބޮޑުތަނުން ދޮށީ ޕާޓީތައްކަން ގާސިމް ފާހަގަކުރެއްވި އެވެ.
"ކޮންބައެއް ނަތީޖާ ހޯދީ. އަޅުގަނޑުމެންނާއި ހަސަން ސައީދު ބައިވެރިވެގެން އެމްޑީޕީއަށް ހޯދައިދިނިން 54 ޕަސެންޓު. ކޮބާ އެމްޑީޕީ ބޮޑުވެފަ،" ގާސިމް ވިދާޅުވި އެވެ.
އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް 15 ޕަސެންޓު ލިބިވަޑައިގަތް އިރު، ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 24 ޕަސެންޓެވެ. އަދި އޭރު ވެރިކަމުގައި ހުންނެވި މައުމޫނު އަބްދުލް ގައްޔޫމަށް 44 ޕަސެންޓެވެ.

ގާސިމް ވިދާޅުވީ ކޮންމެ ޕާޓީއަކަށް ވެސް އޭނާގެ މުހިންމުކަން ފެންނަނީ ހަމައެކަނި އިންތިހާބުތަކާ ހަމައިން ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީއާ އެކު ހެދި ކޯލިޝަނަށް ފަހު "ވީ ވައުދާއި އަހުދުތައް ދިޔައީ ތޮޅިއަށް" ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަމަށް އައުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ މި ފަހަރު ވެސް ކަންތައްވީ ހަމަ އެގޮތަށް ކަމަށެވެ.
"ގާނޫނު އަސާސީއާ ހިލާފަށް އޭރުވެސް [ނަޝީދުގެ ވެރިކަމުގައި] މީހުން ބަންދުވެސް ކުރީ، ސުޕްރީމް ކޯޓުގައި ތަޅުވެސް އެޅުވީ. ދެން މިހާރު ކީކޭ ބުނެފަ ނުބުނާނީ،" ގާސިމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމްޑީޕީއިން ފާޅުކުރި އެވެ. އެހެން ނަމަވެސް އެޕާޓީއިން ނިންމީ މިފަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރާށެވެ.











