ގދ. ތިނަދޫ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސަަރުކާރުން ރޭ ބުނެފި އެވެ.
ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން އެމްޑީޕީން ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ރަށު ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމީ މިދިޔަ ހަފްތާގަ އެވެ. އެއީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ މިދިޔަ ހަފްތާ ތެރޭގައި އިކޮނޮމިކް ކައުންސިލުން ވާނެ ވަރަށް މުހިއްމު ދެކަމެއް ނިންމާފައި. އެެއް ކަމަކީ އެއް ކަމަކީ މި ތިނަދޫ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނު ތަރައްގީ ކުރާ އިރު އިތުރަށް ބިން ހިއްކާނެ ކަމަށާއި އެއާ އެކު ވިޔަފާރިއާއި އިންޑަސްޓްރިއަލް އެކި މަސައްކަތްތައް ކުރާނެ ޖާގަ އެ ހިއްކާ ބިންތަކުން ލިބޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއާ އެކު އެކީގައި ހިންގާނެ އަނެއް މަޝްރޫއަކީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކުރުމެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަމަ އެފަދަ މަޝްރޫއެއް ގއ. ވިލިނގިލީ ފަޅުތެރޭގައި ހިންގަން ވެސް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ރައީސް ސޯލިހު ތިނަދޫއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިން ކަން ވެސް އިއުލާނުކުރެއްވި އެވެ.
ރައީސް ސޯލިހުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ތިނަދޫގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވެ އެވެ.
އެ ރަށުގެ ހޮސްޕިޓަލަށް އޯޕީޑީ އޭރިއާއަކާއި ލޭބާ ރޫމަކާއި އެންއައިސީޔޫގެ ހަތަރު ޕްރައިވެޓް ރޫމު ވަނީ ބިނާކޮށްފަ އެވެ. 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް ފުރިހަމަކުރުމަށް ބޭނުންވާ އިތުރު އިމާރާތް ހެދުމަށް ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ހަވާލުކޮށްފަ އެވެ.
ތިނަދުއަކީ 1962 ގައި އެ ރަށް ފަޅުކުރުމަށް ފަހު ހަތަރު އަހަރުވަން ދެން އެ ގޮތުގައި އޮތް ރަށެކެވެ. ރަށް އަލުން އާބާދުކުރީ 1966 ގަ އެވެ. އޭގެ ފަހުން 57 އަހަރުވީއިރު އެ ރަށަކީ މުޅި ހުވަދު އަތޮޅުގެ އާބަން ސެންޓާއޭ ބުނެވިދާނެ އެވެ.













