ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރި ވ. އާރަށުގެ މައްސަލައިގައި، އެމަނިކުފާނު ދިފާއުގައި ހުށަހެޅި ބައެއް ހެކިންގެ ހެކިބަހަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ބުރަދަން ނުދޭން ނިންމެވީ އެ ހެކީން ބުއްދި ހަމަނުޖެހޭ ވާހަކަތަކެއް ދައްކަވާފައިވާތީ ކަމަށް ދައުލަތުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.
ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަކީ ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ދައުލަތުން ބުނާއިރު، މި މައްސަލައިގެ ޝަރީއަތުގައި ޔާމީން ދިފާއުގައި ވިދާޅުވީ، އެއީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ. އެކަން ސާބިތު ކުރަން ޔާމީންގެ ފަރާތުން ހެކީން ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން ބައެއް ހެކީންގެ ހެކިބަހަށް ބުރަދަން ނުދޭން މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝަކީލް ނިންމަވާފައިވެ އެވެ.
ދިފާއީ ހެކީންގެ ތެރެއިން ބައެއް ހެކީންގެ ހެކިބަހަށް ބުރަދަން ނުދިނުމާ ގުޅޭ ގޮތުން ޔާމީން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ދައުލަތުން ދިން ޖަވާބުގެ ރައްދުގައި، އެ ހެކިބަހުގައި ފުށޫއެރުމެއް ނެތް ކަމަށާއި އެއީ އުފައްދައިގެން ހުށަހަޅާފައި ހުރި ހެކިތަކެއް ކަމަށް ފަނޑިޔާރު އަމިއްލަފުޅަށް ނިންމެވީ ކަމަށް ބުނެފައިވެ އެވެ. އަދި ހެކިބަހާ މެދު ފަނޑިޔާރު ހިތްޕުޅާނުވީމާ އެއީ ދޮގެއް ކަމަށް ބަލައިގެން ހެކިބަސް އެއްފަރާތް ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އވެެ.
މިއަދު އެ ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހިތްޕުޅާނުވީމާ އެއީ ދޮގެއް ކަމަށް ބަލައިގެން ހެކިބަސް އެއްފަރާތް ކުރަން ފަނޑިޔާރު ނުނިންމަވާ ކަމަށެވެ. އަދި ފަނޑިޔާރު ބެއްލެވީ ހެކިބަހުގައި ހުރި ފުށޫއެރުންތަކަށް ވުރެ ބޮޑަށް ހެކިބަހުގައި ހުރި ބުއްދި ހަމަނުޖެހޭ ދެކޮޅުނުޖެހޭ ވާހަކަތަށް ކަމަށެވެ.
"ފަނޑިޔާރު ރިއާއަތް ކުރައްވާފައި ވަނީ، ހެކީންގެ ހެކިބަހަށް ބުރަދަން ނުދިނުމުގައި ބައްލަވާފައި ވަނީ، އެ ހެކީންގެ ހެކިބަހުގައި ހުރި ފުށޫއެރުންތަކަށް ވުރެ ބޮޑަށް އެ ހެކިބަހުގައި، ރައީސް ޔާމީނަށް ފަހިވާ ކަންކަން ފިޔަވައި އެހެން ކަންކަން ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވުމާ، ނޭނގޭ ކަމަށް ވިދާޅުވަމުން ގެންދިޔުމާއި އަދި އެ ވިދާޅުވި ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ވެސް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާ ބަލާއިރު ގަބޫލުނުކުރެވޭ ހަމަބުއްދިއާ އަރައިރުންވާ ކަންތައްތަކެއް ހުރީމާ އެކަންކަމުގެ މައްޗަށްކަން ފަނޑިޔާރު އެބަވޭ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދަށު ކޯޓުގެ ފަނޑިޔާރު ހިލާފުވެފައި ވަނީ، އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ހައި ކޯޓުގެ އަބްދުﷲ ނަޒީފު ވ. ޕީޖީ ގަޒިއްޔާގައި ބުނާ ކޮން އުސޫލަކާ ކަމެއް ޔާމީންގެ ފަރާތުން ބުނެދެވިފައި ނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެ ގަޒިއްޔާގައި ފާހަގަކޮށްފައި ވަނީ ވެސް ހެކިބަހުގައި ހުންނަ ކުދިކުދި ފުށޫއެރުންތަކާ ގުޅޭ ކަންކަން ފާހަގަކޮށް، ދައުލަތުން ބުނީ ޔާމީންގެ މައްސަލައިގައި ފަނޑިޔާރު ހެކިބަހަށް ބުރަދަން ނުދޭން ނިންމެވީ ދެކޮޅު ނުޖެހޭ ވާހަކަތަކާ ހެދި ކަމަށެވެ.
ދިފާއުން ހުށަހެޅި ހެކީންނަކީ އަދުލުވެރިކަން ގެއްލިފައި ނުވާ ހެކީންތަކަށް ވާތީ މައްސަލަ ނިންމަން ވާނީ އެ ހެކީންގެ ހެކިބަހަށް ބުރަދަންދީގެން ކަމަަށް ޔާމީންގެ ފަރާތުން ވިދާޅުވެފައިވާއިރު، ދައުލަތުން ބުނީ އެއީ މުޅިން ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. އެގޮތުން، ހަމައެކަނި އަދުލުވެރިކަން ގެއްލިފައި ނުވާތީ ހެކީން ދެއްކި ވާހަކައަށް ނުބަލައި އެ ހެކީންނަށް ބުރަދަން ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ހެކިވަޒަން ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަގުދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު، ފަނޑިޔާރުން ހެކި ވަޒަން ކުރަން ޖެހޭނީ ބުއްދީގެ ހަމަތަކުންކަމާއި ހެކިބަހުގެ ކޮލިޓީއަށް ވެސް ބަލަން ޖެހޭނެކަން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމި ގަޒިއްޔާތަކެއްގައި ކަނޑައަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
"އިސްތިއުނާފު ކުރައްވާ ފަރާތުން ކަންބޮޑުވެގެން އުޅުއްވަނީ ދަށު ކޯޓުގެ ފަނޑިޔާރު ސަބަބުވެރި އިންސާނެއްގެ ވިންސުމުން ހެކި ވަޒަންކުރެއްވީމާ. ކަންބޮޑުވެގެން އުޅުއްވަނީ ބުއްދީގެ ހަމަތަކާ އެއްގޮތަށް ދަށު ކޯޓުގެ ފަނޑިޔާރު ހެކި ވަޒަން ކުރެއްވީމާ. އެހެންނަމަވެސް މިއީކީއެއް ވެސް ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުލަތުން މީހެއްގެ މައްޗަށް ކުރާ ދައުވާއެއް ސާބިތު ކުރަން ޖެހެނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކަމަށްވާއިރު، އެ މިންވަރަށް ހެކި ލިބިފައިވޭތޯ ވަޒަން ކުރަން ޖެހެނީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާފައިކަން އެނގޭ ވެސް ދައުލަތުން ބުންޏެވެ. މި މައްސަލައިގައި ވެސް ހެކި ވަޒަން ކުރަން ޖެހޭނީ ބުއްދީގެ ހަމަތަކާ އެއްގޮތަށް ކަމާއި އެ ނޫން ގޮތަށް ހެކި ވަޒަންކޮށްފި ނަމަ އެއީ އިސްތިއުނާފު ކުރެވިދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.
ގިނަ އަދަދެއްގެ ބަޔަކު ހެކިބަސް ދިނަސް، އެ ހެކިބަހުގައި ބުއްދިއާ އަރައިރުންވާ ވާހަކަތަކެއް ހުރި ނަމަ އެއީ ދޮގު ކަމަށް ބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުންނުއްސޫދުގެ "އިސްލާމީ ޝަރީއާގައި ހެއްކާ ބެހޭ އުސޫލުތައް ދިވެހިރާއްޖޭގައި ތަތުބީގުކުރަމުންދާ ގޮތް" ފޮތުގައިވާކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.
ހެކިން ދެއްކި ވާހަކައަށް ބަލާފައި އެ ހެކީގެ ތެދުވެރިކަން ނުވަތަ ކްރެޑިބިލިޓީ ވަޒަން ކުރުމަކި ރާއްޖޭގައި ފަނޑިޔާރަކު އަލަށް ކުރި ކަމެއް ވެސް ނޫން ކަމަށާއި އެއީ އެހެން ގައުމުތަކުގައި ވެސް އެފަދައިން ނިންމާފައި އެބަ ހުރިކަން ދައުލަތުން ފާހަގަކުރި އެވެ.
"މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ބައެއް ދިފާއީ ހެކީން ހެކިބަސް ދެއްވި އިރު ބުއްދިއާ އަރައިރުންވާ ނުވަތަ އެ ހެކިވެރިޔާ ހުރި ހާލަތާއި ވަގުތާއި އެ ތަނުގެ ގޮތުން ހަމަ ހަގީގަތުގައި ވެސް ހަމަ ގަބޫލުނުކުރެވޭ ވާހަކަތަކެއް ހެކީން ހެކިބަސް ދެއްވި އިރުގައި އެބަވޭ ޑޮލަރު މާރު ކުރުމުގެ މުއާމަލާތާ ގުޅޭގޮތުން. އެ މުއާމަލާތް ހިނގައިދިޔަ ގޮތާ ގުޅޭގޮތުން،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުލަތުން ބުނީ، ޑޮލަރު ގަތުމުގެ މުއާމަލާތާ ގުޅޭގޮތުން ކުރިން ހާޒިރު ކުރި ހެކިވެރިޔާ ދެއްކި ބުއްދި ގަބޫލުނުކުރާ ވާހަކަތައް ހަމަޖައްސައި ފޫބައްދަން އޭގެ ދެތިން ދުވަސް ފަހުން އައި ހެކިވެރިޔާ މަސައްކަތް ކުރިކަން ވެސް ފެންނަން އެބަ ހުރި ކަަމަށެވެ.
"އެ ހުރިހާ ކަމެއް މިނެކިރައި ވަޒަން ކުރެއްވުމަށްފަހުގައި ދަށު ކޯޓުގެ ފަނޑިޔާރަށް ގަބޫލުކުރެވުނީ މިއީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް. އެ ވިދާޅުވި ވާހަކަފުޅުތަކަކީ ދަށު ކޯޓުގެ ފަނޑިޔާރަށް އިގްތިނާއުވެވުނު ނުވަތަ ކޮންވިންސްވި ވާހަކަތެއް ނޫން. އެހެންވީމަ އެ ހެކީންގެ ހެކިބަހަށް ބުރަދަން ނުދޭން ނިންމަވާފައި އޮތީ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މައްސަލައިގެ ފަސްފަހަތް:
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެކިބަސް ދެއްވި އިރު "ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން" ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
ނަރީޝް ހެކިބަސް ދެމުން ބުނެފައި ވަނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ އެދުމުގެ މަތިން އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނުމަށް ފަހު، ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރުމަށްފަހު ވެސް އަނެއްކާ އެ ފައިސާ އަތުން ގުނި ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ މައްސަލައިގައި ކޯޓުގައި ދޮގުހެކިބަސް ދިން ކަމުގެ ތުހުމަތުގައި ނަރީޝް ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެ އެވެ.
ޑޮލަރު ގަތުމުގެ މުއާމަލާތް ހިނގި ކަމަށް ޝަރީއަތުގައި ނަރީޝްގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހެއް ވެސް ހެކިބަސް ދިނެވެ.












