ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ 76 މިލިޔަން އެމެރިކާ ޑޮލަރު (1.17 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއު ސީއެންއީސީސީ އާ އިއްޔެ ހަވާލުކުރީީ 30 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އުތުރުގެ މައި ހަބެއް ކަމުގައިވާ ކުޅުދުއްފުށްޓާއި ހުވަދު އަތޮޅުގެ މައި ހަބަކަށް ވެފައިވާ ތިނަދޫގައި ތަރައްގީކުރަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް އަޅާނީ ދެ ރަށުގައި މިހާރު ހޮސްޕިޓަލް އިމާރާތް ހުރި ބިމާ ވަކިންނެވެ.
އެ ދެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލަށް ވެސް މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ކުޅުދުއްފުށްޓާއި ތިނަދޫގެ އިތުރުން ޓާޝަރީ ހޮސްޕިޓަލު ތަރައްގީ ކުރަނީ ރ. އުނގޫފާރާއި ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލެވެ. ނަމަވެސް އެ ތިން ހޮސްޕިޓަލްގެ މަސައްކަތް އަދި ހަވާލެއް ނުކުރެ އެވެ.

ކުވެއިތު ފަންޑުން ހަރަދުގައި ހދ. ހަނިމާދޫ އާއި ށ. މިލަންދޫ އާއި ނ. ވެލިދޫ އާއި ކ. ތުލުސްދޫ އާއި އދ. މާމިނގިއްޔާއި ވ. ފެލިދޫ އާއި ތ. ވިލުފުށީގައި 30 އެނދުގެ ހޮސްޕިޓަލް ހެދުމަށް ވަނީ ނިންމައިފަ އެވެ.













