ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ދޫކޮށްފައިވާ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް ލޯނުތައް (އެސްއެމްއީ ލޯނުތައް) މައާފުކޮށްދެއްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ގާސިމް ވަނީ ސްޓޫޑަންޓް ލޯނާއި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވަން ވެސް ވައުދުވެވަޑައިގެންފަ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިއަދު ހެނދުނު އއ. މަތިވެރިއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ލޯނު ދޫކުރުމުގެ ބޭނުމަކީ ދިވެހި ސަރުކާރަށް އާންމު ރައްޔިތުން "އަޅުވެތި ކުރުމުގެ" ބޭނުމުގައި ހިންގާ ކަމެއް ކަމަށެވެ.
"ކުރީއްސުރެން ރާވައިގެން ދައުލަތަށް ރައްޔިތުން ދަރަނިވެރި ކުރުވަމުން ދަރަނިވެރި ކުރުވަމުން، މި މީހުންގެ އަޅުންނަށް ހަދަމުން ދަނީ، އެސްއެމްއީ ލޯނުތައް ނަގުވައިގެން،" ވިލާ ވިޔަފާރީގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ. "މާދަމާ އެ ދައްކާށޭ ބުނީމާ ރައްޔިތުން ކިހިނެއްތޯ ހަދަނީ."
މި ސަރުކާރުން ދޫކޮށްފައިވާ އެސްއެމްއީ ލޯނު ސްކީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެއީ ވޯޓުގެ ބޭނުމުގައި ހިންގާ ކަމެއް ކަމަށެވެ.

"ތިޔަ ބޭފުޅުން އަޅުގަނޑުމެން ސަރުކާރަށް ގެނެސްދީފިނަމަ، ދައުލަތުން ދޫކޮށްފައިވާ ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށާއި އާ ވިޔަފާރިތައް އުފެއްދުމަށް ލުއި ލޯނެއް ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަން ހަމަޖެއްސުމަށް ޓަކައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ނަމުގައި ކުންފުންޏެއް އުފެއްދި އެވެ.
އެ ތަނުން ލޯނުު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، އަލަށް ފަށާ ވިޔަފާރީގެ އިތުރުން ހަރުމުދާ، ދަނޑުވެރި ނަފާ އަދި ވިޔަފާރި އެހީގެ އިތުރުން ލޯކަލް ޓުއަރިޒަމް ހިމެނެ އެވެ. މިދިޔަ މާޗު މަހުގެ ނިޔަލަށް 1387 ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެއީ ޖުމުލަ 1.6 ބިލިއަން ރ. ގެ ލޯނެވެ.













