ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެކުލަވައިލާފައިވާ މެނިފެސްޓޯގައިވާ ވައުދުތަކުގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ހުށަހަޅާ ފަސް ކަމެއް އެރަށަަކަށް ކޮށްދެއްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން އދ. މަންދޫގައި ޖޭޕީން ބޭއްވި ޖަލްސާއެެއްގައި ގާސިމް ވިދާޅުވީ ރަށްރަށުން އެދޭ ފަސް ކަމެއް ހުށަހަޅަންވީ އޭނާއަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމަށް ފަހުގަ އެވެ. އެގޮތަށް ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ނުކުރެވޭ ވަރުގެ ބޮޑު ކަމެއް އޮވެއްޖެ ނަމަ އެރަށެއްގެ ރައްޔިތުންނާ މަޝްވަރާކޮށްގެން ބަދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ރަށެއްގަައި ވެސް ރައްޔިތުން ބޭނުންވާ ފަސް ކަމެއް، ތިޔަ ބޭފުޅުުން ކައުންސިލާ ވާހަކަ ދައްކަވައިގެން ހުށަހަޅަންވީ އަޅުގަނޑުމެނަށް ސަރުކާރަށް އާދެވިއްޖެއްޔާ. ނޫނީވިއްޔާ މިހާރު ހުށަހެޅުއްވިޔަސް އެންމެ ރަނގަޅު. ހުށަހެޅުއްވީމާ އެ ފަސް ކަމެއް އަޅުގަނޑުމެން ކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.
ޖޭޕީގެ ސަރުކާރަކުން ވައުދުވާ ކަންތައްތައް ދައުރުގެ ފަހު އަހަރަށް ނުބަހައްޓާނެ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި ބޮޑުވެފައިވާތީ ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތައް މަންދޫގައި ވެސް ގާސިމް ތަކުރާރުކުރެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ބައެއް ގައުމުތަކުން ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ދިނުމަކީ މިޒަމާނުގައި އޮތް "އިސްތިއުމާރު" ގެ ވައްތަރެކެވެ. ޖޭޕީން ރިޔާސީ އިންތިހާބަށް ނުކުތީ ރާއްޖެ އެކަމުން ސަލާމަތްކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













