ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ އިސްލާހީ މަސައްކަތް ހަލާކުވެގެންދާތީ، ހެޔޮ މަގަށް އެޅުވުމަށް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިއަދު ވަޑައިގަތީ އޭނާ އުފަންވެވަޑައިގެންނެވި އަރިއަތޮޅުގެ ބައެއް ރަށްތަކަށެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާ ސަބަބު ތަކުރާރުކޮށް ވިދާޅުވެ ދެއްވި އެވެ.
ގާސިމް އިސްލާހީ މަސައްކަތް ފެއްޓެވީ މީގެ ގާތްގަނޑަކަށް 40 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު އެވެ. އެ ދުވަސްވަރުގެ އިސްލާހި މަސައްކަތުގެ ވާހަކަ ބަނޑުހައ ވުމެއް، ވަރުބަލި ވުމެއް ނެތި ކިޔައި ދެވިދާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އޭރު އިސްލާހީ މަސައްކަތަށް ނުކުމެވަޑައިގަތީ އިގުތިސޯދު ކުރިއަރަން ދާންޖެހޭ މިންވަރަށް ނުދާތީ އާއި އަޅުވެތިކުރުން އޮތުމުން ކަމަށެވެ.
ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ވޭތުވެދިޔަ އިންތިހާބު ތަކުގައި ދެ ފަހަރަކު އެމްޑީޕީ އަދި އެއް ފަހު ޕީޕީއެމް ވެރިކަން ހޯދައި ދެއްވިއްޖެ ކަމަށާއި އެ ހުރިހާ ފަހަރަކު ސަރުކާރު ހިންގާ މައި ޕާޓީން ކޯލިޝަން އެއްބަސްވުން އުވާލި ކަމަށެވެ.
"ދެން އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭކަށް ނެތް އެކަކަށް ވެސް ވެރިކަމަށް. އަޅުގަނޑުމެން ތާއިދުކޮށްގެން ކޮންމެ މީހަކު ވެސް ކަންކުރި ގޮތް މިއޮތީ ފެންނަން،" ދަނގެތީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

އުމުރުން 73 އަހަރު ފުރިފައިވާއިރު އާއިލާއާއެކު އުޅުއްވުން މާ ރަނގަޅުވާނެ ކަމަށާއި ނަމަވެސް، ދުނިޔޭގައި ހުންނެވިއިރު، ފެށި އިސްލާހީ މަސައްކަތް ހަލާކުވެގެންދާ ތަން ފެންނާތީވެ ހެޔޮ މަގަށް އަޅުވަން ނުކުންނެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުން އަޅުގަނޑުމެންނަށް ޗާންސް ދެއްވައިފިއްޔާ އެކަން އަޅުގަނޑުމެން ކާމިޔާބު ކުރާނަން މާތް ﷲ ގެ ވާގިފުޅާއެކީ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ ހާލަތު ބަދަލުކުރަން އެދޭނަމަ އޭނާ އަށް ވޯޓު ދެއްވުމަށް ވެސް ގާސިމް އެދިވަޑައިގަތެވެ.












