ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ވެބްސައިޓާއި 2028 ވަނަ އަހަރާ ހަމަޔަށް ހާސިލުކުރާނެ ލަނޑުދަނޑިތައް ހިމެނޭ ސްޓްރެޓިޖިކަލް އެކްޝަން ޕްލޭނާއި އެސްއޯއީ ތަކުގެ މައުލޫމާތު އެއްތަނަކުން ބަލާލެވޭ ގޭޓްވޭ މިއަދު އިފްތިތާހުކޮށްފި އެވެ.
އެކަމަށްޓަކައި މީރުމާ އިވެންޓްސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީސީބީގެ ސްޓްރެޓިޖިކަލް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެވެ. ވެބްސައިޓު ލޯންޗްކޮށްދެއްވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސެން މަނިކު އެވެ. އަދި އެސްއޯއީތަކުގެ ގޭޓްވޭ އިފްތިތާހުކޮށްދެއްވީ އިންސްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ނައިބު ރައީސް ހަސަން މުހައްމަދެވެ.
ޕީސީބީގެ ރައީސް އާސިމް ވިދާޅުވީ މިއަދު އިފްތިތާހުކުރި އެކްޝަން ޕްލޭން އެކުލަވާލުމުގައި ބަލާފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޕީސީބީގެ ހިންގުމަށް ދިމާވި ގޮންޖެހުންތަކާއި ގާނޫނީ އޮނިގަނޑުގައި ފުށުން އަރާގޮތަށް ހުރި ކަންތައްތައް އިސްލާހުކުރުމަށް ކަމަށެވެ.
އަދި ޕީސީބީގެ ވެބްސައިޓާއި އެސްއޯއީތަކުގެ ގޭޓްވޭގެ ސަބަބުން އާންމު ފަރުދުންނަށް ފަސޭހައިން ހުރިހާ އެސްއޯއީތަކާ ބެހޭ މައުލޫމާތު އެއްތަނަކުން ލިބި، އެސްއޯއީތަކުގެ ތަފާސްހިސާބު އެނަލައިޒްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އެސްއޯއީތަކުގެ ވިލުންވެރިކަން އިތުރުކޮށް ކުރިމަގަށް ފުރިހަމައަށް ތައްޔާރުވެފައި ތިބި ކުންފުނިތަކަކަށް އެސްއޯއީތައް ހެދުން އެއީ އަޅުގަނޑުމެންގެ އަމާޒެއް. އަދި އެސްއޯއީތަކުން ދައުލަތަށް އެންމެ ރަނގަޅު މަންފާ ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އެއް ސިޔާސަތު. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިމަގުގައި މުހިންމު އެކަޑަމިކް ލިޓަރޭޗާ ޖެނެރޭޓުކުރާ މުހިންމު ނާރެސްއަކަށް މި ޕޯޓަލް ވެގެން ދިއުން." އާސިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ޕީސީބީގެ އެކްޝަން ޕްލޭނުގައި މައިގަނޑު ފަސް ދާއިރާއަކުން މަސައްކަތް ކުރުމަށް ވަނީ ހިމަނާފަ އެވެ. މިދާއިރާތަކުން ހާސިލުކުރާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އަންނަ އަހަރު ނިމުމުގެ ކުރިން އެސްއޯއީތައް ކްލެސިފައިކޮށްފައިވާގޮތް މުރާޖައާކޮށް ބަދަލުކުރުމާއި ޕީސީބީގެ ގާނޫނު މުރާޖައާ ކޮށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހަށް ފޮނުވުމާއި ޕީސީބީގެ ހިންގުން އާ އޯގަނައިޒޭޝަން ސްޓްރަކްޗާއަކަށް ބަދަލުކުރުން ހިމެނެ އެވެ.
އަދި އެސްއޯއީތަކުގެ އޮޕަރޭޝަން އެފިޝަންސީ މަތިކުރުމާއި ބޯޑު މެމްބަރުންގެ 30 ޕަސެންޓަކީ އަންހެން މެންބަރުން ކަމުގައި ހެދުމާއި އެސްއޯއީތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ބެލުމަށް ގައުމީ ފެންވަރުގައި ސާވޭ އެއް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން ޕީސީބީގެ ފްރޭމް ވޯކް ގާއިމުކުރުމާއި އެސްއޯއީތައް އުފައްދާނެ ގޮތުގެ ޕޮލިސީ ތައާރަފްކުރުމަށްވެސް މި އެކްޝަން ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.
ޕީސީބީގެ ވެބްސައިޓާއި އެސްއޯއީތަކުގެ ގޭޓްވޭ އާ ގުޅޭގޮތުން ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒް ވިދާޅުވީ އެ ވެބްސައިޓު ވުޖޫދަށް ގެނައުމުގެ މަސައްކަތަކީ ޖުމްލަ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށާއި މިއަދު ލޯންޗުކުރީ އޭގެ ފުރަތަމަ މަރުހަލާ ކަމަށެވެ.
އަދި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު މައުލޫމާތުތައް ހިމަނައިގެން އެކި މަރުހަލާތަކަށް ވެބްސައިޓު އަޕްގްރޭޑުކުރަމުންގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޕީސީބީން ބުނީ މި ވެބްސައިޓުގެ ދެވަނަ މަރުހަލާ މި އަހަރު ނިމުމުގެ ކުރިން ލޯންޗުކުރާނެ ކަމަށެވެ. މި ވެބްސައިޓު ޑިޒައިންކޮށްފައިވަނީ ޕީސީބީގެ އެކްޝަން ޕްލޭނާއި އެސްއޯއީތަކުގެ ގޭޓްވޭ ހިމަނައިގެންނެވެ. މި ސައިޓު މެދުވެރިކޮށް އެސްއޯއީތަކުގެ ފައިނޭންޝަލް ރިޕޯޓުތަކާއި ޕީސީބީގެ ރިޕޯޓުތައް ޝާއިއުކުރާއިރު އެސްއޯއީތަކުގެ އެންމެ އަދާހަމަ ތަފާސްހިސާބުތައް ބަލައިލެވޭނެ އެވެ. އަދި އެސްއޯއީތަކާ ގުޅޭ މައްސަލަތަކާއި ޝަކުވާވެސް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އެވެ.












