ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ. އާރަށު މައްސަލައިގައި މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ދައުލަތުގެ ވަކީލުން ބަލިވެ އުޅޭތީ ކެންސަލްކޮށްފި އެވެ.
ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރީ ދައުލަތުން އެދިގެންނެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، އަޑުއެހުން ކެންސަލް ކުރަން އެދުނީ އެ މައްސަލައިގައި ވަކާލާތު ކުރާ ދައުލަތުގެ ބައެއް ވަކީލުން ބަލިވެ އުޅޭތީ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މި މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައި އޮތް ޖަލު ހުކުމާއި ޖޫރިމަނާއާ ހެދި އެވެ. އީސީގެ އެ ނިންމުން ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ނިންމާފައި ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅުރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ ދެ ބިލިއަނެއްހައި ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވެ އެވެ. އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ޖަލަށްލާފައި ވަނީ އެ މީހުން ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

އާރަށު މައްސަލައިގެ ފަސްފަހަތް:
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.
ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.











