އިސްލާހީ މަސައްކަތް ކުރީ އަމިއްލަ އެދުމެއްގައި ނޫން ކަމަށާއި ދިވެހިންނަށް ފަހިކަމާއި ރޯޝަނީކަން ހޯދައިދޭން ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އުތުރުގެ އަތޮޅަތަށް ކުރެއްވި ކެމްޕޭނު ދަތުރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު ހދ. ފިނޭގައި އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމާންކަމުގެ އައްސޭރިއަށް ދިވެހި ރައްޔިތުން ގެންދިއުމަށްޓަކައި ކަމަށެވެ.
"އެ ބައިމީހުންނަށް ތަނަވަސްކަމާއި އުޖާލާކަމާއި ފަހިކަމާއި ރޯޝަނީކަން ހޯދައި ދިނުމަށް އަޅުގަނޑު މަސައްކަތް މި ކުރަނީ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
"ތިބޭފުޅުން ގަބޫލު ކުރެއްވިޔަސް، ނުކުރެއްވިޔަސް މި ދެންނެވި ގޮތަށް ނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. ބޮޑު މަގާމެއް ހޯދަން ވެސް މަސައްކަތެއް ނުކުރަން، ބުނަން ޖެހުނު އެއްޗެއް."
ކެމްޕޭނަށް ބޭރުގެ ގައުމަކުން ފައިސާ ނުހޯދާ ކަމަށާއި ލާރި ހޯދައިގެން ވަކި މީހެއްގެ ޖީބަށް ވެއްޓިގެން މަސައްކަތް ކޮށްފައެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އިސްވެ ދިޔަ ތިން ވެރިކަމުގައިވެސް އަމަލުކޮށްފައި ވަނީ އެއްގޮތަކަށް ކަމަށާއި ރައްޔިތުންނަށް ކަންކަން ހާސިލުކޮށް ދިނުމުގެ ވިސްނުމެއް އެ ވެރިކަންތަކުގައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ސަރުކާރުތަކުން ވަމުން އައީ ހިޔާނާތް ވަމުން ކަމަށް އޭނާ ގަބޫލު ކުރެއްވެވި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ކެމްޕޭނު ކުރުމުގައި ބޭނުން ކުރަމުން ގެންދާ ކަމަށަށް ގާސިމް ތުހުމަތު ކުރެއްވެވި އެވެ.
"މިއީ ހަޑިހުތުރު އަމަލެއް، މުޑުދާރު އަމަލެއް. މި އަމަލުތަކުން ދިވެހިން އެބަޖެހޭ ސަލާމަތްވާން. މިކަން ކުރާ މީހުންނާއި ކުރުވާ މީހުންނަކީ ވެސް ގާނޫނުގަ ބުނާ ގޮތުން ކުށްވެރިން،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ގާސިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ނަމަ ފިނޭއަށް ކޮށްދެއްވަން ވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމާއި ބޯޅަދަނޑުގައި ޓާފް އަޅައި ނިންމައި ދިނުން ހިމެނެ އެވެ.











