ރާއްޖޭގެ ވައިގެ ސަރަހައްދާއި ސައިބާ މާހައުލު ދިފާއުކުރުމަށްޓަކައި އަސްކަރީ ގާބިލުކަން އިތުރުކުރަން އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ 'އުފާވެރި އަމާންރާއްޖެ' މެނިފެސްޓޯގައި ހިމަނާ، ދެވަނަ ދައުރެއްގައި އެކަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
ރައީސްގެ މި ވައުދު ހާމަކޮށްފައިވަނީ ރިޔާސީ ކެމްޕޭނުގައި އެމްޑީޕީން ހުށަހަޅާ މެނިފެސްޓޯގައި ހިމެނޭ 'ހެޔޮވެރިކަން' ސިޔާސަތުގެ ދަށުންނެވެ. ރައީސްގެ ކެމްޕޭނުން އެ ސިޔާސަތު އާންމުކުރީ ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
އަސްކަރީ ގާބިލުކަމާއި ދިފާއީ އަދި ސަލާމަތީ ބާރުތައް ވަރުގަދަކުރުމަށް ދެވަނަ ދައުރެއްގައި ކުރައްވާނެ ގިނަ ކަންތައްތަކެއް ރައީސްގެ އެ ސިޔާސަތުގައި ހިމަނުއްވާފައިވެ އެވެ. އެގޮތުން އެއްގަމާއި ކަނޑާއި ވަޔާއި އަދި ސައިބާ މާހައުލު ވެސް ހިމެނޭ ގޮތަށް ކޮންމެ މައިދާނެއްގައި ވެސް އަދި ކޮންމެ ހާލަތެއްގައި ވެސް ވަގުތުން ހަރަކާތްތެރިވުމުގެ ގާބިލްކަންހުރި ވިލުންވެރި ފުރިހަމަ ދިފާއީ އަދި އަސްކަރީ ނިޒާމެއް ބިނާކުރަން އެ ވައުދުގައި އެބަ އޮތެވެ.
ވަޔާއި ސައިބާ މާހައުލުގެ ދިފާއަކީ ރާއްޖޭގެ އަސްކަރިއްޔާއަށް އާ ދެ ހިދުމަތެވެ. އެ ދެ ހިދުމަތް ވަރުގަދަކުރުމަށްޓަކާ ސިފައިންނާ ފުލުހުންގެ ލޮޖިސްޓިކް ނިޒާމު ވަރުގަދަކޮށް، ކަނޑާވައިގެ ބަނދަރުތަކުގެ ސެކިއުރިޓީ ފެސިލިޓީތައް ގާއިމްކުރާނެ އެވެ.
ގައުމީ ސަލާމަތާބެހޭ ހާއްސަ ގާނޫނަކުން ބާރުލިބިގެން ދިވެހިރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އާއި ސައިބަރ ސެކިއުރިޓީ ކަށަވަރުކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މީގެއިތުރުންވެސް، ރާއްޖޭގެ ސަލާމަތަށް ހުރި އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށްވާ ޓެރަރިޒަމާއި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް އިތުރަށް ކުރެވިގެންދާނެ މަސައްކަތްތައްވެސް ރައީސްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވެ އެވެ.
އެގޮތުން، މުޅި ސަރުކާރާއި މުޖްތަމައު ގުޅިގެން އެކުލަވާލެވޭ ނިޒާމެއްގެ ތެރެއިން، ދިވެހިރާއްޖޭގައި ޓެރެރިޒަމް އަމަލެއް ހިންގިޔަ ނުދިނުމަށާއި، ހުއްޓުވުމުގެ މަސައްކަތް ވަށާޖެހޭނެހެން ހަރުދަނާކުރާނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
އަދި، ރާއްޖޭގެ ބޯޑަރު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، ރާއްޖެއަށް އެތެރެވެ ބޭރުވާ މީހުންނާއި މުދަލާއި ތަކެތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށް އިންޓެގްރޭޓެޑް ބޯޑަރ މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.












